މަޅިފަތި ޖަހާފައިވާ ދިމާއަށް ގޮސް ހުއްޓުނު އައްބާސް ވަށައިގެން ހޯދާލީ އޭނާއަށް އެ ސަރަހައްދުން މީހަކު ފެންނަން ނެތުމުންނެވެ. ނަމަވެސް އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ރަތް ލިބާހެއް ލައިގެން ހުރި ރީތި އަންހެނެކެވެ. އިސްތަށިގަނޑު ނިއުޅުވާލާފައިވާ އިރު އޭނާގެ ކަންފަތާ ދިމާލުގައި ހުދު ކުލައިގެ މަލެއް ޖަހާފައި ހުރި އަންހެން މީހާ ފަސް އެނބުރި ހިނގައިގަތީ އައްބާސްއާ ދިމާއަށް ބަލާލުމަށްފަހު ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ. އިސްކޮޅާ އެއްވަރުގެ ރީތި ފަތި ހަށިގަނޑެއް ލިބިފައިވާ އެ އަންހެންމީހާގެ ޖާދޫގައި ޖެހި ރަނގަޅަށްވެސް އައްބާސް އެ މަޅީގައި ބަނދެވިއްޖެއެވެ.
ނޭނގޭ ބާރަކުން އެ އަންހެން މީހާގެ ފަހަތުން ވަލުތެރެއަށް އައްބާސް ހިނގައިގަތީ މުންޑުގަނޑު ކޮށިކުރަމުންނެވެ. ފިކުރީ ވަލަށް ވަތް ދިމާލުން ގަސްތަކުގެ ތެރެއަށް އައްބާސް ވަދެގެން ދިޔައިރު ބިރުގެ ކަންފުޅެއްވެސް ނެތެވެ. ފިކުރީ ގެއްލުނީވެސް އެ ދިމާލުން ވަލަށް ވަދެގެންކަންވެސް އޭނާގެ ހަނދާނުގައި ނެތް ކަހަލައެވެ.
*** *** *** *** *** ***
ދަމު ނަމާދަށް ހޭލި ގޮތަށް ހަލީމާއަށް ނިދޭ ގޮތެއް ނުވިއެވެ. ނިދަން މަސައްކަތް ކޮށްކޮށްވެސް އެކަންވީ ފޫ ނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. ކާސިމަށް ގޮވާލަން ވެސް ނުކެރިފައި އޮތީ އޭނާގެ ހިތުގައި އަށަގަންނަމުން ދިޔަ ކަންތައްތަކަކީ ވަހުމަކަށްވެ ރޭގަނޑުގެ އަރާމު ނިދިން ކާސިމް ހޭލައްވާލަން ބޭނުން ނުވާތީއެވެ.
ނުނިދި ދެއަތަށް ފުރޮޅިލަ ފުރޮޅިލަ އޮތް ހަލީމާގެ ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. އެކި ޒާތްޒާތުގެ ހިޔާލުތަކާއި ވަހުމުތައް ސިކުނޑިތެރޭ މަސްހުނިވެ އެހެން ވިސްނަން އޮއްވާ ހާލާއި ކޮވެލީގެ ގޮވެލިން ފަޒާތެރެ ގުގުމާލައިފިއެވެ. ފަތިސްވެއްޖެ ކަމުގެ ސިގުނަލް ލިބުމާއެކު އޭނާ ތަންމަތިން ފޭބީ ހިތަށް ހަމަޖެހުމެއް ހޯދުމުގެ ބޭނުމުގައެވެ. އޭރުވެސް ކާސިމް އޮތީ ގަދަ ގުގުރީގައި ނިދާފައެވެ.
ބޭރަށް ނުކުންނަން ފިޔަވަޅު އަޅާލި ހަލީމާގެ ހަރަކާތް ހުއްޓުނީ ގެއަށް ވަންނަ ދޮރާށި ކައިރީ ފަންބިތުގައި ޖައްސާފައި ހުރި ރުނބާ ފެނުމުންނެވެ. އެ ރުނބާ ފުރެންދެން ފެން އެޅި ހަނދާންވުމުން ހަލީމާ އެ ރުނބާގެ މަތި ނަގާ ބަލާލިއެވެ. އަދިވެސް އެހުރީ އެހެންނެވެ. އެންމެ ފެން ތިއްކެއްވެސް އެއިން މަދުވެފައެއް ނެތެވެ. ހައިރާންވެފައިވާ ހާލުގައި ހަލީމާ ދެން ބަލާލީ ގޯތިތެރެއަށެވެ.
ފަތިސްވި ނަމަވެސް އަދި ރަށުތެރެއަށް އަލިކަން ވެރިނުވާތީ މުޅި ގޯތިތެރެވެސް އޮތީ އަނދިރިކޮށެވެ. އެހެންކަމުން ގޭތެރެއަށް ވަދެ ރޯކޮށްފައި ހުރި ފުޅި ބައްތި ހިފައިގެން ހަލީމާ ގެއިން ބޭރަށް ނުކުތެވެ. އެއަށްފަހު ގިފިލި ހުރި ދިމާއަށް ފިޔަވަޅު އަވަސްކޮށްލިއެވެ.
ކަނޑިކިގަނޑު އަރުވައި ޖަހައިގެން ހުސް ފައިގާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގިފިއްޔަށް ވަދެ ވަށައިގެން ބަލާލިއެވެ. ގިފިލީގައި އަންނައުނު އަޅުވަން ދަމާފައިވާ ރޯނުގައި ހިއްކަން އަޅުވާފައިވާ މުންޑާއި ގަންޖުފަރާސް އޮތްތަން ފެނުމުން ހަލީމާގެ ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. މޭގައި އަތް އަޅައިގެން ހުރެ އަޑުގެ ނެތްތަނަށް އޭނާ ރޮއެގަތެވެ.
އިރު އޮއްސުނު ފަހުން ގެއަށް އައްބާސް އައި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ގެއަށް ވަނުމުގެ ކުރިން ފައި ދޮންނަން ބަހައްޓާފައި ހުރި ފެން ރުނބައިން އެންމެ ފެންތިއްކެއްވެސް މަދުވެފައެއް ނުވެއެވެ. އޭގެ މާނައަކީ ރޭގައި އައްބާސް ގެއަށް ނިދަން ނާންނަނީއެވެ.
ފަޔަށް ލެވުނު ބާރެއްލާ ހަލީމާ ލިބާސްގަނޑު އެއް އަތުން އަރުވާ ޖަހަމުން ދުއްވައިގަތީ ކާސިމަށް ގޮވަމުންނެވެ. އެ ދަމަފިރިންގެ ދަރިފުޅު އައްބާސް ރޭ ގެއަށް ނައިސް ދިޔަ ތަނެއް ހޯދަން އޭނާ ބޭނުންވިއެވެ. އެވަގުތު ހަލީމާ ހިފަހައްޓައިގެން ހުރި ފުޅި ބައްތި ނިވި އެތަނަށް އަނދިރިކަން ވެރިވެގެން ދިޔައެވެ. ކޮންމެވެސް ގޯހެއް ވެއްޖެ ކަމުގެ ސިގްނަލް ދެމުންދިޔަ ކަހަލަ އިހްސާސެއް ހަލީމާއަށް ކޮށްފިއެވެ.
*** *** *** *** *** ***
ވަލުތެރެއިން ބަދުރަށް ނުކުމެވުނީ ސީދާ އޭނާ ދިރިއުޅޭ ޖިފުޓިގެ ކުރިމައްޗަށެވެ. އޭނާ އައިސް ގެއަށް ވަތް އިރު ހާލާއި ކޮވެލީގެ އަޑުން މުޅިރަށުތެރެ ހޭލައްވާލައިފިއެވެ. ދޮލަނގުގައި ހުރި ލޭފެންތައް އެ ގޯތީގެ ބިއްދޮށް ފަރާތުގައި ހުރި ކެޔޮވަލުތެރެއަށް ހުސްކޮށްލުމަށްފަހު ބަދުރު ގިފިއްޔަށް ވަދެ އޭނަ ލައިގެން ހުރި ގަންޖުފުރާހާއި މުންޑު ބާލައި ވަޅު މަތީގައި އަޅުވާލިއެވެ. ވަޅުން ފެން ދާންޏެއް ނެގުމަށްފަހު ބޮލަށް އެ ފެންތައް އޮއްސާލި އިރު ބަދުރުގެ ހަށިގަނޑަށް ފިނިކަމެއް ވެރިވެގެން ދިޔައެވެ.
ފެންވަރައިގެން ބަދުރު ގިފިލިން ނުކުތް އިރު ކޮންމެވެސް ވަރަކަށް ރަށުތެރެއަށް އަލިވެއްޖެއެވެ. މުންޑުގަނޑު ރަނގަޅަށް އަންނަމުން އޭނާ ގޭގެ މައިދޮރާ ހަމައަށް ނުކުތެވެ. އޭރު ރަށުތެރޭގައި މީހުން ކޮޅުކޮޅަށް ދުވާ ތަން އޭނާއަށް ފެނުނެވެ.
ކޮނޑު މައްޗަށް އެއްލާފައި އޮތް ގަންޖުފުރާސް ރަނގަޅުކޮށްލަމުން އެގޭ ދޮރުކައިރީ ހުރި ދޮންވެލި ފުނިން ވެލި ކޮޅެއް އަތަށް އަޅައިގެން ހުރެ އަތުގެ އިނގިލިން ވެލިކޮޅެއް އަނގަޔަށް ލައި ބަދުރު ދަތް އުނގުޅަން ފެށިއެވެ. މަގުގެ ދެކޮޅު ބަލަބަލައި ހުރި އިރު ރަށުތެރޭ މީހުން ތެޅި ފޮޅެމުން އެ ދަނީ ކީއްވެކަން އޭނާއަށް އެނގި ނުބައި ޒާތެއްގެ ހިންޏެއް އޭނާގެ ތުންފަތް މައްޗަށް ވެރިވިއެވެ.
އެގޭ ދޮރުމައްޗަށް އައިސް ހުއްޓުނު މެދު އުމުރުގެ ފިރިހެނަކު ބަދުރަށް ގޮވާލުމުން އެ ހުރިތަނަށް އޭނާ ގަނޑުވިއެވެ. މިއިން ދުވަހަކު އޭނާއަށް މީހަކު ގޮވާލާފައެއް ނުވެއެވެ. ހާލު ބަލާލައި އޭނާއަކީ މި ރަށުގައި އުޅޭ މީހެއް ކަމަށް ބަލައި މީހަކުވެސް ނެތެވެ. ހައިރާންވެފައި ހުރެ އެމީހާއާ ދިމާއަށް ބަދުރު ބަލައިލިއިރު އޭނާގެ ރަތްވެފައިވާ ދެލޮލުން ކަރުނައިގެ ވިދުން ސާފުކޮށް ފެންނަން ހުއްޓެވެ.
ހަތަރެސްފަޔަށް ހިނިއަރައިގެން އުޅޭ ފަދައިން ތެޅެމުން ފޮޅެމުން އެމީހާ ވާހަކަ ދެއްކިއެވެ. އެނާ ދެއްކި ވާހަކައަށް ސަމާލުކަން ދީގެން ހުރި ބަދުރު ދަތްއުނގުޅަން ވެއްޔާ އެކީ އަނގަޔަށް ލައިގެން ހުރި އިނގިލި ނަގަމުން އެއް ފަރާތަކަށް ޗުއް ކިޔާ ކުޅެއް ޖަހާލިއެވެ.
"ކާސިމް ގޯތި އައްބާސް ދެކުނިންތަ؟ އައްބާސް ގެއްލިގެން އެބަ އުޅޭ. ރޭވީ ފަހުން ގެއަކަށް ނުދެޔޯލަ."
އަނގައިން ބަހެއްވެސް ނުބުނެ ބަދުރު ދެއަތަށް ބޯ ހޫރުވާލީ އޭނާ އައްބާސް ނުދެކޭ ކަމަށް ބުނަމުންނެވެ. އެއަށް ފަހު އޭނާ އަތުގައި ހުރި ވެލިތައް ފޮޅާލަމުން ބަދިގެއާ ދިމާއަށް މިސްރާބު ޖެހީ އިންތިހާއަށް ބަނޑުހައިވެފައި ހުރުމުންނެވެ.
ބަދިގެ ފަރާތަށް އޭނާ ދިޔައިރު ފެނު ކެއްކި އަލައާއި ކައްޓަލަ ތައްޓަކަށް ނަގާފައި ހުއްޓެވެ. ބަދިގެ ތެރެއަށް ބޯދިއްކޮށްލި އިރު ދަރު އުނދުން މަތީގައި ދެންމެ ކައްކާފައި ހުރި ސައިކުރާއިން ދުން އަރަމުން ދިޔަތަން ފެނި އައްބާސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހެން އެކަކު އޭނާގެ ހާލު ނުބެލިއަސް ކަމަނަ އޭނާއަށް ބަލާނެއެވެ. އެގޭ ހުރިހާ ކަމެއްކޮށްދީ އޭނާއަށް އެހީވާނެކަން ބަދުރު ގަބޫލު ކުރެއެވެ.
ސައިބޮއިގެން ގޭތެރެއަށް ވަދެ ބަދުރު ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ރޭ ހަތަރުދަމު ނުނިދާ ހުރުމުން ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. އެހެންކަމުން މި ވަގުތު އޭނާ ބޭނުންވީ އަރާމްކޮށްލާށެވެ.
ދެލޯ މެރިމެރި އޮތް ބަދުރަށް ސިއްސައިގެން ގޮސް ލޯ ހުޅިވާލެވުނީ އެގޭ ބިތުގައި މީހަކު ޕައްޕައްލާފައި ޖަހާލި އަޑަށެވެ. ރޯނު އެނދުގައި އޮށޯވެގެން އޮތް ބަދުރު އޮތްތަނުން ތެދުވީ އޭނާގެ ނަމުން މީހަކު ގޮވާލަމުން އަނެއްކާވެސް ބިތުގައި ޖަހާލި އަޑު ކަންފަތުގައި ޖެހުމުންނެވެ. ފަޔަށް ބާރުލަމުން ބަދުރު ގެއިން ބޭރަށް ނުކުތް އިރު އެރަށުގެ ބަޔަކު އެގޭ ކައިރިއަށް އައިސް ތިބިތަން އޭނާއަށް ފެނުނެވެ.
ދެލޯ އުނގުޅަމުން ބަދުރު ގެއިން ބޭރަށް ބޯދިއްކޮށްލުމުން އެމީހުން ވާހަކަ ދެއްކިއެވެ. "ކާސިމުގެ ދަރި އައްބާސް ގެއްލިގެން އެބަ އުޅޭ. އެ ސޮރު ދެކުނިންތަ؟"
ދެބުމަ ގޮށްޖަހައިގެން ހުރެ ބަދުރު ނޫނެކޭ ބުނާ ފަދައަކުން ދެއަތަށް ބޯހޫރުވާލިއެވެ. ދެން އެގެއަށް އައި މީހުންތައް ދާން ހިނގައިގަންނަމުން އައްބާސް ހޯދަން ދާން އަންނާށޭ ބުނުމުން މި ނުކުންނަނީ ކަމަށް ބުނެ ބަދުރު އަނެއްކާވެސް ގޭތެރެއަށް ވަދެއްޖެއެވެ.
ރޯނު އެނދުގައި އަނެއްކާވެސް ބަދުރު އޮށޯތެވެ. އައްބާސް ގެއްލިގެން ހޯދަން ދާން އަންނާށޭ ބުނަން އެމީހުން ލަދު ނުގަތީ ކީއްވެތޯ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެނދުގެ ބޯލާ ކޮޅުގައި އޮތް ފިލާގަނޑަށް ބަދުރުގެ ކަޅި އެވަގުތު އަމާޒުވެގެން ދިޔައެވެ. އެ ފިލާގައި އަރަބިން ލިޔެފައިވާ އަކުރުތައް ހުރީ ކިރިޔާ ކިޔަން އިނގޭ ވަރަށެވެ. އެ އަކުރުތައް މަތިން ބަދުރު އިނގިލިތައް ހާކާލި އިރު އޭނާގެ ހިޔާލު ދައުރު ކުރީ މީގެ އެތައް އަހަރުތަކެއް ކުރިއަށެވެ.
*** *** *** *** *** ***
އެދުރުބޭ ގޯއްޗަށް ދާން ޖެހޭ ވަގުތު ޖެހުމާއެކީ ފިލާގަނޑު ހިފައިގެން ބަދުރުގެ ކަމަނަ ގެއިން ނުކުތީ ތެޅެމުން ފޮޅެމުންނެވެ. އޭރު ބަދުރު ހުރީ ސައިބޮއިގެން އައިސް ތަޅުންމަތީ ދެފައި ވަށްކޮށްލައިގެން އޭނާގެ ބައްޕަ ގެންގުޅުނު ފޮތްބޮނޑިތަކެއް ހާވާށެވެ. އެ ފޮތްތަކުގައި ލިޔެފައިވާ އަކުރުތަކަށް ބަލަން ހުރެ އޭނާ ދިޔައީ ކޮންމެވެސް ބޮޑު ކަމެއް ކުރަމުންނެވެ.
އެދުރުބެ ރުޅިގަނޑު ބާލަފާނެތީ އެކަމާ ބިރުން ހުރެ ކަމަނަ ގެއިން ނުކުންނަމުން އޭނާގެ ބައްޕައަށް ގޮވާލިއެވެ. "ތަށިތައް ނަގާފަ މިދަނީ އެދުރުބެ ގޯއްޗަށް..."
ކަމަނަ ދެއްކި ވާހަކައަށް މާ ބޮޑު ފަރުވާލެއް ނުދީ އިން ބަދުރު އާއެކޭ ބުނެ އަވަހަށް ކަމަނަ އެތަނުން ފޮނުވާލަން އޭނާ ބޭނުންވިއެވެ.
އެންމެ އަވަހަށް އެދުރުބެ ގެއަށް ދެވެން އޮތް މަގުން ދާން ކަމަނަ އަވަސްވެގަތީ ކޮންމެ ދުވަހަކު ގަޑިޖެހިގެން ދިއުމުން ލިބޭ އަދަބުން ސަލާމަތް ވުމުގެ ބޭނުމުގައެވެ. އެހެންކަމުން ވަލުތެރެއިން އެދުރުބެ ގެއަށް އެންމެ އަވަހަށް ދެވެން އޮތް މަގާ ދިމާއަށް ކަމަނަގެ ފިޔަވަޅު އަވަސްކޮށްލީ މިއަދު ގަޑި ޖެހުމުގެ ކުރިން އެގެއަށް ވަނުމުގެ ފޮނި އުންމީދުގައެވެ.
ހުރި ހަމައެކަނި ދަރިފުޅު ކިޔަވަން ދިއުމުން ބަދުރު އަވަސްވެގަތީ އޭނާ ކުރަމުން ދިޔަ މަސައްކަތް އަވަހަށް ނިންމާށެވެ. ބިންމަތީ އަތުރާފައި ހުރި ސާމަނުތަކަށް ބަލަންހުރުމަށްފަހު ދުންދަނޑިތައް އޭނާ ރޯކޮށްލިއެވެ. އަދި އަތުރާފައި ހުރި ސާމަނުތައް ވަށާ ރޯކުރި ދުންދަނޑިން އަރަމުން ދިޔަ ދުންތައް ބުރުވާ ފުމެމުން ދިޔަ އިރު ބަދުރު ދިޔައީ މީހަކަށް އަޑުނީވޭނެ ވަރަށް ސިމިސިމި ލައްވާ ތުންތަޅުވަމުންނެވެ.
އެއަށްފަހު އެއްފާރާތެއްގައި ހުރި ލޭފެން އެއްޗެއްގެ ތެރެއަށް އަތްކޮށްޕާލުމަށްފަހު އޭގެތެރެއިން އޭނާ ނެގީ ކޮންމެވެސް ދިރޭ އެއްޗެއްގެ ލޮލުގެ ގޮބޮޅިއެވެ. އެއަތް އޭނާ މައްޗަށް އުފުލާލުމަށްފަހު ކިޔަވަމުންދިޔަ ކިޔެވެލީގެ އަޑު ބާރުކޮށްލިއެވެ. އޭނާ ކިޔަމުންދިޔަ އެއްޗެއް ކިޔަމުން ދިޔައީކީ ދިވެހި ބަހަކުން ނޫނެވެ. އަރަބި ބަހުގެ ބައެއް ލަފުޒުތައް ކިޔަސް އެއީ ތަފާތު ބަހެކެވެ.
ކުއްލިއަކަށް ގޭގެ ބިތުގައި ބަޔަކު ޓަކި ޖަހާލި އަޑަށް ލޯ މަރައިގެން ކިޔަވަން އިން ބަދުރު ލޯހުޅުވާލިއެވެ. ދެލޮލުގެ ވަށާ ބޯކޮށް އަނދުން އަޅާފައިވާ ބަދުރުގެ ދެލޯ ވަނީ ރަތްވެފައެވެ. އޭނާގެ ބޮޑު ދެލޯ ފެންނަ މީހަކުވެސް ބިރުން އަވަދިވާނެއެވެ. ކައިރީހުރި ފެން އެއްޗަށް އަތްކޮއްޕާ އަތުގައި ހިކިފައިވާ ލޭތައް އޭނާ ސާފުކޮށްލިއެވެ. އަދި ކޮނޑުގައި އަޅުވާފައިވާ ތުނި ތުވާލި ކޮޅުން އަތް ފޮހެމުން ބަދުރު އެ ޖިފުޓިގެއިން ނުކުމެވެން ހުރި ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ.
(ނުނިމޭ)
މިވާހަކަ މިލިޔަނީ ހާދަ ތަތް މީހާ ގަނޑެކޭ ދޯ.... ނުވާވަރުން ކަންތަކައް ނުބޭނިބަލަ...
ދެން މިހާރު ރޯދަމަސް ވެސް މިއޮއްގެން ނިމެނީ 5 ވަަނަބައި ނެރެބަލަ ކެތެއްނުވެޔޭ....
އަސްލު ވަރައް ކަޑަ.. ބޭކާރު .. އައްބާސް ގެ ވާހަކަ ގެންނަންޖެހޭނީ ވަރައް ފޫހިވެއްޖެ...
ހޫ އިޒް ދިސް ކަމަނަ