އައިޖީއެމްއެޗުން އެކަހެރި ކުރި ނަރުހުންގެ އަދަދު 21 އަށް އަރައިިފިއެވެ. މިކަން ހާމަ ކުރެއްވީ މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒެވެ.

އޭނާ އެހެން ވިދާޅުވި އިރު، އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވި ކަން އެނގުމާއެކު އޭނާއާ ކޮންޓެކްޓްވި ނަރުހުން އެކަހެރި ކުރުމުގެ މަސައްކަތް ފެށިއެވެ. އެ ނަރުހުންގެ ފުރަތަމަ ސާމްޕަލް ނަގާފައި ވާކަންވެސް ވަނީ އެނގިފައެވެ. އެކަން އައިޖީއެމްއެޗްގެ ޑރ. އަލީ ނަޒީމްވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޒީމު ވިދާޅުވެފައިވަނީ، މާބަނޑު އަންހެން މީހާއާ ކޮންޓެކްޓް ވެގެން 16 މީހަކު އެކަހެރި ކުރި ކަމަށެވެ. ނަމަވެސް މިއަދު މަބްރޫކު ވިދާޅުވީ އެ އަދަދު 21 އަށް އަރާފައި ވާކަމަށެވެ.

އައިޖީއެމްއެޗުގައި ވިހަން އެޑްމިޓް ކުރި އަންހެން މީހާ ބެލި ޑޮކްޓަރަށް ހެދި ގޮތެއް އެންއީއޯސީން ހާމަ ކޮށްފައި ނުވިނަމަވެސް، އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި ނަރުހެއް ކޮވިޑަށް ޕޮޒިޓިވް ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ދެމީހުން ޕޮޒިޓިވް ވީ އައިޖީއެމްއެޗްގެ މަސައްކަތުގައި އުޅެނިކޮށް ނޫން ކަމަށެވެ.

އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު މީހާ ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އޭނާ ވަނީ ޓްރީޓޮޕަށް ބަދަލު ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ބާރަށް ފެތުރެމުން ދާއިރު ފްރަންޓްލައިންގައި މަސައްކަތް ކުރާ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސާވިސްއިން 5 މީހަކާއ، އެންއެންޑީއެފްގެ 20 މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެތައް ބަޔަކު ކަރަންޓީނުގައި އެބަތިއްބެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހެން ބައެއް އޮފީސްތައް ކަމަށް ވާ އެސްޓީއޯގެ 3 މުވައްޒަފަކާއި، މޯލްޑިވްގޭސްގެ މުވައްޒަފަކާއި، ވޭމްކޯގެ މުވައްޒަފެއްގެ އިތުރުން އެމްޕީއެލްގެ މުވައްޒަފަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިއަދުވެސް ވަނީ 22 މީހަކު ޕޮޒިޓިވް ވެފައެވެ. މިއާއެކު ޕޮޒިޓިވް ވި މީހުންގެ ޖުމްލަ ވަނީ 766 އަށް އަރާފައެވެ.