ރާއްޖޭގައި ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ލޭގެ ދިރާސާއެއް ހަދަމުން އެބަދެއެވެ.

މިކަމާ ބެހޭ ގޮތުން 'ދަ ޕްރެސް' އަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް އެމާރޖެންސީ އޮޕަރޭޝަން ސެންޓަރު އެން.އީ.އޯ.ސީގެ ތަރުޖަމާނު މުހައްމަދު މަބްރޫޒް އަޒީޒް ވިދާޅުވީ، ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންގެ ލޭގައި ބަލީގެ އެންޓިބޮޑީޒް ހުރިތޯ ބެލުމަށް ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. މި ގޮތުން މިކަމަށް ބޭނުންވާ ލޭގެ ސާމްޕަލްތައް ނަގާފައިވާ ކަމަށާ މިއީ ދިރާސާއެއް ހެދުމަށް ނަގާފައިވާ ސާމްޕަލްތަކެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ސަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 އަކީ މިހާތަނަށް އެއްވެސް ވެކްސިނެއް ހޯދިފައިވާ ބައްޔަކަށް ނުވާ އިރު ކުރިއަރާފައި ވާ ގައުމުތަކުން ދަނީ ބަލި ޖެހި ރަނގަޅުވާ މީހުންގެ ލޭގައި ބައްޔަށް ހަނގުރާމަ ކުރާ އެންޓިބޮޑީޒް ހުރިތޯ ބަލާ އެއިން ބަލީގެ ފަރުވާ ހޯދުމަށް ދިރާސާތައް ކުރަމުންނެވެ،

ރާއްޖޭގައި މިހާތަނަށް 862 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު މީގެ ތެރެއިން 30 މީހަކަށް ވަނީ މި ބަލިން ޝިފާ ލިބިފައެވެ. ބަލިން ރަނގަޅުވެފައިވާ ބައެއް ފަރާތްތައް މިހާރު ދޫކޮށްލާފައިވާ އިރު އަދި ވެސް ބައެއް ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބަލީގެ އަލާމަތްތައް ނުފެންނަ މީހުން ކަމަށާ މި ގިނަ މީހުން ބަލިން ރަނގަޅުވަނީ ވެސް ބަލީގެ އެއްވެސް އަލާމަތެއް ނުފެނި ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ އިރު މީގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކާ ޒުވާނަކު ހިމެނެއެވެ،