ރާއްޖެއިން ކޮރޯނާވައިރަސް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން އިއުލާނު ކުރި ފުރަތަމަ ކްލަސްޓާ (ޖަރީމާގެ ކްލަސްޓާ) ގައި ހިމެނޭ 2 މީހަކު ރަނގަޅުވެއްޖެއެވެ.

އެ ކްލަސްޓާއިން ރަނގަޅުވެފައިވަނީ ކޭސް 22، އުމުރުން 2 އަހަރުގެ ފިރިހެން ކުއްޖަކާއި ކޭސް 23، އުމުރުން 42 އަހަރުގެ އަންހެނެކެވެ.

އެވްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ދެފަރާތް ރަނގަޅުވެފައިވަނީ މިދިޔަ ބުރާށްފަތި ދުވަހުއެވެ. ނަމަވެސް އަދި ދޫކޮށް ނުލާ ކަމަށްވެސް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކައެވެ.

ޖަރީމާގެ ކްލަސްޓާ ފެންނަ ޑޭޝްބޯޑުގެސްކްރީންޝޮޓެއް

ޖަރީމާގެ ކްލަސްޓާގައި އަދި 3 މީހުން އެބަތިއްބެއެވެ އެއީ މާލެއިން ކޮވިޑް ފެނުނު ކަން އިއުލާނު ކުރި ކޭސް 21، 35 އަހަރުގެ އަންހެނަކާއި، ކޭސް 24، 46 އަހަރުގެ ފިރިހެނަކާއި ކޭސް 25، 15 އަހަރުގެ އަންހެން ކުއްޖެކެވެ.

ޑޭޝްބޯޑު ބުނާގޮތުން މި އެންމެންގެ ހާލުވެސް ރަނގަޅެވެ. ނަމަވެސް މި ތިން މީހުން މުޅިން ރަނގަޅުވި ކަމަށް ނުނިންމިގެން އުޅެނީ، ނަތީޖާ ނެގެޓިވް ވެ، އަނެއްކާ ޕޮޒިޓިވް ވާތީ ކަން އިތިބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

މީގެ އިތުރުން ލިލީ ސްޓޯރް ކުލަސްޓާގައި ހިމެނޭ ކޭސް 29، 37 އަހަރުގެ ފިރިހެނަކާއި، ކޭސް 30، 33 އަހަރުގެ އަންހެނެއްވެސް ވަނީ ރަނގަޅުވެފައެވެ. އެ ދެމީހުންގެ ތެރެއިން ކޭސް 30 ރަނގަޅުވެފައިވަނީ މޭއި 7، 2020 ގައެވެ. އަދި ކޭސް 29 ރަނގަޅުވެފައި ވަނީ މޭއި 8، 2020 ގައެވެ.

މީގެ އިތުރުން މި ކްލަސްޓާގައި ހިމެނޭ ކޭސް 96، 48 އަހަރުގެ އަންހެނެއް ވެސް މޭއި 8، 2020 ގައި ރަނގަޅުވެފައި ވާކަމަށް ޑޭޝްބޯޑުން ދައްކައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން 835 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އަދި މިހާރުވެސް ބަލި މީހުންގެ ގޮތުގައި 801 މީހަކު އެބަ ތިއްބެއެވެ.