ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން މީހަކު ރަނގަޅު ވެއްޖެ އެވެ. މިހާރު ރަނގަޅު ވި މީހުންގެ ޖުމްލަ އަކީ 30 އެވެ.

މިރޭ ދަރުބާރު ގެގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މިއަދު އެކަކު ރަނގަޅުވެފައި ވާ ކަމަށާ، އެއާއެކު ރަނގަޅު ވި މީހުންގެ ޖުމްލަ 30 އަށް އެރީ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހި ގިނަ ބަޔަކު ފަރުވާ ހޯދަމުން އެބަދެއެވެ. އޭގެ ތެރޭގައި 276 ދިވެހިން ހިމެނޭ އިރު 559 ބިދޭސީން ހިމެނެއެވެ.

ރައްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 900 އާ ގާތްކުރަން ދާއިރު ފާއިތުވީ 24 ގަޑިއިރު ތެރޭ 50 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ސިއްހީ ފަރާތްތަކާއި އެޗްޕީއޭއިން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް އަދިވެސް ދާނީ މައްޗަށެވެ. އެގޮތުން މިމަހުގެ 30 އަދި 31 އެއީ ޕީކަށް ދާނެ ދުވަސްތައް ކަމަށާއި، އެއިން ކޮންމެ ދުވަހަކު 1600 އެއްހާ މީހުން ޕޮޒިޓިވް ވާނެ ކަމަށް އަންދާޒާ ކުރެއެވެ.

ކޮވިޑް ޖެހި ރާއްޖޭގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު މައްޗައް އަރައިގެން ދާއިރު، ސްރީލަންކާގައި ޕޮޒިޓިވް ވި މީހުންނާ އަދަދުތައް މިހާރު ވަނީ އެއްވަރުވުމާ ގާތުގައެވެ. ލަންކާގައި މިހާތަނަށް 856 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 321 މީހަކު ރަނގަޅުވެފައި ވާއިރު 9 މީހަކު މަރުވެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑްގައި މަރުވީ 3 މީހުންނެވެ. އެއީ އުމުރުން ދުވަސްވީ ދެމީހަކާއި، ޒުވާނެކެވެ.