ކޮވިޑް-19 އަށް އިތުރު 45 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 835 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވެފައިވާ 45 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 22 މީހުންނާއި 20 ދިވެހިންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލް ދެމީހުން ކަމަށެވެ. މި 45 ކޭސްއާއެކު، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 835 އަށް އަރާފައެވެ.
ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.