މިއަދު ކޮވިޑަށް ޕޮޒިޓިވް ވެ، އާންމު ކުރި ލިސްޓުގައި 7 މަހުގެ ތުއްތު ކުއްޖަކު ހިމެނިއްޖެއެވެ. އެޗްޕީއޭއިން މިއަދު އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި ކޭސް 744 އަކީ 7 މަހުގެ ފިރިހެން ކުއްޖެކެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހުނު ކަމަށް ރެކޯޑް ކުރެވުނު އެންމެ ހަގު ކޭސް އެވެ.

ރާއްޖެއިން މިއަދު ކޮވިޑަށް 96 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 2 އަަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 744 އަށް އަރާފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.