ޖަލު އޮފިސަރުންނާއި ގައިދީން ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ ގޮތުން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެންއީއޯސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން، ކޯވިޑް19 އަށް ތަހުލީލު ކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ގައިދީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މާފުށީ ޖަލުގައި ކުރިޔަށްދާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ މާލެއިން ވެސް ރެންޑޮމް ސާމްޕަލްތަކެއް ނަގަމުންނެވެ. މިފަދައިން މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ރެންޑަމް ސާމްޕްލިން ގެ ތެރެއިން މިހާތަނަށް އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއިން ވެސް އަންނަނީ ރެންޑޮމް ސާމްޕަލްތައް ނަގަމުންނެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް މީގެކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ރެންޑަމް ސާމްޕްލިންގެ ތެރެއިން އެކަކު މިހާތަނަށް ޕޮޒިޓިވްވި ނަމަވެސް ކުރިޔަށް އޮތް ތަނުގައި އެ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ ބޭނުމަކީ ބަލި ފެތުރިފައިވާ މިންވަރު ބެލުމުގެ އިތުރުން ނުހޯދި ހުރި ކްލަސްޓާތަކާއި ސަރަހައްދުތައް ދެނެގަތުމެވެ.