ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް އުމުރުން 80 އަހަރުގެ މީހަކު މިރޭ މަރުވި ހަބަރާއެކު ސޯޝަލްމިޑިއާގައި ދިރިހުރި މީހެއްގެ ފޮޓޯ ބޭނުންކޮށް، މަރުވީ އޭނާ ކަމަށް ބުނެ ޝެއާ ކުރަމުން އެބަދެއެވެ. އަދި އެއީ އެމްއެޗްއޭ ކްލަސްޓާއާ ގުޅުންހުރި ކޭސް ކަަމަށް ހަދައިގެން ފަތުރަމުން ދަނީ ނުބައި މައުލޫމާތެކެވެ.

މިރޭ މަރުވީ ކޭސް 81، އުމުރުން 80 އަހަރުގެ ފިރިހެނެކެވެ. އެޗްޕީއޭއިން ބުނީ އޭނާ މަރުވީ މިރޭ 11:20 ގައި ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ޑީއެޗް11 ގައި ހުންނަ އައިސީޔޫގައި ކޭސް 81 އަށް ފަރުވާ ދޭން ފެށީ، އޭ ހުސްވި އޭޕްރީމް މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާގެ ހާލު ސީރިއަސްކަން ޖެހިގެން އައި ދުވަހު އައިޖީއެމްއެޗްގެ ޑރ. މުސާ ހުސައިން ވިދާޅުވިއެވެ.

އެމްއެވްއޭ ކްލަސްޓާއާ ގުޅޭ ކޭސް ދަރުމަވަންތަ އައިސީޔޫއަށް ގެންދިޔައީ މާ ފަހުގެ ތާރީހެއްގައެވެ. އަދި އެއީ ކޭސް 120 އަށް ވުރެވެސް ފަހުގެ ކޭސް އެކެވެ. އެ ކޭސްއަށް ނިސްބަތްވާ މީހާވެސް އޮތީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.