މޯލްޑިވްގޭސް ހުޅުމާލެ ސްޓާފެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވި ސްޓާފު އެކަހެރި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް މޯލްޑިވްގޭހުން "ދަ ޕްރެސް" އަށް ވަނީ ބުނެފައެވެ.

މޯލްޑިވްގޭހުގެ އެކްޓިން މެނޭޖިން ޑައިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، ކޮވިޑަށް ޑެލިވަރީ ސްޓާފަކު ޕޮޒިޓިވް ވުމާއެކު އެޗްޕީއޭގެ ފަރާތުން އޭނާ ގެންދިއުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓެ ވެދާނެކަމަށް ބެލެވޭ ވިއްސަކަށް ސްޓާފުން ތިބެދާނެ ކަމަށާއ، ހުރިހާ ސްޓާފުންވެސް ތިބީ އެކަހެރިކޮށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއިން ކޮވިޑް ފެނި ލޮކްޑައުންއަކަށް ދިއުމުގެ މާކުރިންސުރެ ފެށިގެން މޯލްޑިވްގޭހުން މަސައްކަތް ކުރަމުން ދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި، ސްޓާފުންވެސް ތިބޭނީ ސްޓާފުންނަށް ހާއްސަ ތަންތާނގައި ކަމަށެވެ.

"އަރަން ހުރި ބައްޔެއް އަރާފާނެ ދެއްތޯ، ބަލައިގެން އުޅުނަސް، ދެން ވަރަށް ބަލައިގެން އުޅުނު ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން 20 އަކަށް ސްޓާފުން ކަރަންޓީނަށް ދާނެ ކަމަށް ބެލެވެނީ"
އިކްރާމް

އިކްރާމް ވިދާޅުވީ، ގިނަ އަދަދެއްގެ ސްޓާފުން ކަރަންޓީނު ކުރަން ޖެހިދާނެ ކަމަށް ބެލެވޭ ކަމަށާއި، އެއާއެކު އޮޕަރޭޝަންތަކަށް ކުޑަ މަޑުޖެހުމެއް އަތުވެދާނެ ކަމަށެވެ. އަދި މަަސައްކަތުގެ ލޯޑަށް ބަދަލެއް ގެންނަން ޖެހޭނަމަ އިނގޭނީ އެޗްޕީއޭއިން ޓްރޭސިންގެ މަސައްކަތް ނިމުމުން ކަމަށާއި، މަސައްކަތަކަށް ކުޑަ ލަސްކަމެއް އައި ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ ސްޓާފެއް ޕޮޒިޓިވް ވުމާއެކު އެޗްޑީސީއާ ގުޅިގެން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތަށް ތައްޔާރުވަމުން ދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާރު ވަނީ ޖުމްލަ 648 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.