ކޮވިޑް19 އާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ށ. ފުނަދޫ އަދި އެ އަތޮޅު ފީވަށް އާއްމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ށ. ފުނަދޫއާ އެ އަތޮޅު ފީވަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

މާލެ ސިޓީގެ ލޮކްޑައުންއާ އެކު އަދިވެސް 7 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބަ ހުއްޓެވެ. މާލެ ސިޓީގެ އިތުރުން ދެން ހިމެނެނީ ކ. ތުލުސްދޫއާ ށ. ނަރުދޫއާ ށ. މިލަންދޫއާ ށ. މާއުނގޫދޫ އަދި ނ. މަނަދޫއާއެވެ.

މޮނީޓަރިންގެ ހާލަތުގައިވާ ބޯޓުތަކުގެ ތެރޭގައި ކާވިޔާ ބޯޓާއި އަމާޒު ބޯޓު ހިމެނެއެވެ. ރޭ ދަންވަރާއި ހަމައަށް މުޅި ރާއްޖެއިން 260 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އިއްޔެ އެކަނިވެސް މުޅި ރާއްޖެއިން 25 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިއަދުގެ މިހާތަނަށް އެއްވެސް ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 648 އެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެތަންތަނުގެ ތެރެއިން 5 ތަނެއްގައި ތިބި މީހުންގެ ގައިން އަދި ސާމްޕަލް ނުނަގައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ދެމީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މަރުވި ބަންގްލަދޭޝް މީހާ ބައްޔަށް ޕޮޒިޓިވް ކަން އެނގިފައި ވަނީ ފިޓު ޖެހި ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އޭނާގެ ޓެސްޓު ހެދުމުންނެވެ. އަދި އޭނާ މަރުވީ ސިކުނޑިއަށް ލޭ އަރައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.