އެމްޓީސީސީން ހިންގާ ވިލިމަލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ މުވައްޒަފަކު ޕޮޒިޓިވް ވެއްޖެއެވެ. އެއީ އެ ޓާމިނަލްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެކެވެ.

އޭނާ ޕޮޒިޓިވް ވުމާ ގުޅިގެން އެމްޓީސީގެ ސީއީއޯ ވަނީ އޭނާއަށް އަވަސް ޝިފާއެއް އެދި ދުއާ ކުރައްވާފައެވެ.

މިއަދު ކޮވިޑަށް އޭނާ ޕޮޒިޓިވް ކަން އެނގުނީ ހުންއައިސްފައި ހުރުމުން ފްލު ކުލިނިކަށް ގޮސް ޓެސްޓް ހެދުމުން ކަން ވަނީ އެނގިފައެވެ. ވިލިމާލެ ޓާމިނަލަކީ އެމްޓީސީސީގެ 7 މުވައްޒަފަކު މަސައްކަތް ކުރާ ޓާމިނަލެކެވެ. އެމްޓީސީގެ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ، ޓާމިނަލުގައި މަސައްކަތް ކުރާ މީހުން ލޮކްޑައުންގައި ތިބި އިރު، މިއަދު ޕޮޒިޓިވް ވި މީހާއާ ގެއަށް ދިޔަ މައްސަލައެއް ފާހަގަ ވެފައި ވާކަމަށާ އެކަން ބަލަމުން ގެންދާ ކަމަށެވެ.

މުވައްޒަފު ޕޮޒިޓިވް ވުމާ ގުޅިގެން މިހާރު ޓާމިނަލް ބަންދުކޮށްފައި ހުރި ނަމަވެސް އޭނާ ޕޮޒިޓިވް ވީ ކޮންތާކުން ކޮންޓެކްޓެއް ވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ވިލިގިނއްޔާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު 6 ފެރީ ދަތުރު ކުރެއެވެ. މިއަދު ދިމާވި ހާދިސާއާ ގުޅިގެން ހުރިހާ ފެރީއެއް ހުއްޓަލި ނަމަވެސް، އާ ފެރީއެއް ބޭނުންކޮށްގެން ދަތުރުތައް އަލުން ވަނީ ފަށާފައެވެ. އަދި ކުރިން ބޭނުން ކުރި ފެރީތައް ބޭނުން ކުރާނީ ރަނގަޅަށް ޑިސްއިންފެންކްޓް ކޮށްފައި ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 618 އެވެ. އެއީ 213 ދިވެހިންނާއި 359 ބިދޭސީންނެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެބައިކުޅު އެއްބައި މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދާ ހަމައަށް ބަންގަލްދޭޝްގެ 324 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެތަންތަނުގެ ތެރެއިން 5 ތަނެއްގައި ތިބި މީހުންގެ ގައިން އަދި ސާމްޕަލް ނުނަގައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ދެމީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މަރުވި ބަންގްލަދޭޝް މީހާ ބައްޔަށް ޕޮޒިޓިވް ކަން އެނގިފައި ވަނީ ފިޓު ޖެހި ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އޭނާގެ ޓެސްޓު ހެދުމުންނެވެ. އަދި އޭނާ މަރުވީ ސިކުނޑިއަށް ލޭ އަރައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.