އިތުރު 44 މީހުން ޕޮޒިޓިވް ވެ ޖުމްލަ 618 އަށް އަރަފިއިއެވެ. މިއަދާއެކު މިއަދު މިހާތަނަށް 45 މީހުން ޕޮޒިޓިވް ވީއެވެ.
އެޗްޕިއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މި 44 މީހުންގެ ތެރޭގއި ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި އިންޑިއާ 2 މީހުންގެ އިތުރުން 8 ދިވެހިން ކަމަށެވެ.
މިއަދު ކުދިން ޕޮޒިޓިވް ވެފައި ވަނީ ވެސް ބަނގްލަދޭޝް މީހެކެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދު 50 އާ ގާތް ކުރާ އިރު، މި މީހުން ނިސްބަތްވަނީ ކޮން ކްލަސްޓާއަކަށް ކަމެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ. އަދި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ ދިވެހިންނާއި ދެން ތިބި މީހުންނަކީ ސާމްޕަލް ނަގާ މިހާރުވެސް ކަރަންޓީނުގައި ތިބި ބައެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ބުނެފައެއް ނުވެއެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 618 އެވެ. އެއީ 213 ދިވެހިންނާއި 359 ބިދޭސީންނެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެބައިކުޅު އެއްބައި މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދާ ހަމައަށް ބަންގަލްދޭޝްގެ 324 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެތަންތަނުގެ ތެރެއިން 5 ތަނެއްގައި ތިބި މީހުންގެ ގައިން އަދި ސާމްޕަލް ނުނަގައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ދެމީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މަރުވި ބަންގްލަދޭޝް މީހާ ބައްޔަށް ޕޮޒިޓިވް ކަން އެނގިފައި ވަނީ ފިޓު ޖެހި ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އޭނާގެ ޓެސްޓު ހެދުމުންނެވެ. އަދި އޭނާ މަރުވީ ސިކުނޑިއަށް ލޭ އަރައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑް ފެނި މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވަމުން ދާއިރު، ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗައް ދާނެ ކަމަށް ބެލެވޭ ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މިވާހަކައާއެކު، މީހުން ގޭގޭގައި މަޑުން ތިބުމަށާއި، އެކި ސަރަހައްދުތަކުން މާލެއަށް މީހުން ނައުމަށްވެސް ވަނީ ގޮވާލާފައެވެ.