ފެންނަމުންދިޔަ ކަނު އަނދިރިކަމުގެ ތެރެއަށް ލޯ ހާނުވަން މަސައްކަތް ކުރަމުން ބަދުރު ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ގަސްތަކުގެ އޮފިތަކުން ރެކެމުން ވަލުތެރެއަށް ވަދެގެން ދިޔައިރު ބަދުރުގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ހިތުގެ ވިންދު އެތައް ހާސް ގުނައަކަށް އަވަސްވެފައިވީ އިރު މޭގައި ތޫނު ތަދެއް އުފެދެމުންދާ ފަދަ އިހުސާސެއް ކުރަމުންދިޔައެވެ.

ހާސްވެ ކަންބޮޑުވެފައިވާ ހާލުގައި ބަދުރު މަސައްކަތް ކުރީ އޭނާގެ ހިތުގައިވާ ބިރުވެރިކަން އެއްފަރާތް ކޮށްލެވޭތޯއެވެ. ނަމަވެސް ބަޔާން ކުރަން ދަތި އެ އިހުސާސްތަކުން މިންޖުވެވެން އޮތީ ކަމަނަ ހޯދައިގެންނެވެ. ދެލޯ ފަދަ ކަމަނަ ދުށުން އެދި ބަދުރު ވަނީ މޮޔަވާ ހިސާބަށް ގޮސްފައެވެ.

މީހެއްގެ ހިލަމެއް ނުވާ ފަދަ ވަގުތެއްގައި ވަލުތެރޭގެ އެންމެ އެތެރެއަށް އޭނާއަށް އާދެވުމުން އަތުގެ އިނގިލިތައް ފިއްތާ ބާރުކޮށްފައިވާ މުށުތެރެ ހުޅުވާލަމުން ކުރިއަށް އަތް ދިއްކޮށްލިއެވެ. އިނގިލިތައް ހުޅުވާލި އިރު ބަދުރުގެ އަތުތެރޭގައިވާ ހުދު ކުލައިގެ އުނިމަލުގެ ވަސް މުޅި ސަރަހައްދު އެއްވަސްކޮށްލައިފިއެވެ. ދެލޯ މަރާލަމުން "ކަމަނަ" ގެ ނަމުން ބަދުރު ގޮވާލީ ނިތްކުރިމަތީ ހިއްލާފައިވާ ދާތިކިތައް ފޮހެލަމުންނެވެ.

އިސާހިތަކު ލޮލަށް އުނދަގޫވާފަދަ ގަދަ އަލިކަމެއް އޭނާގެ ކުރިމައްޗަށް ފާޅުވެގެން ދިޔައެވެ. ދެލޯ މަރާލަމުން މޫނުމައްޗަށް އަތް ހުރަސްކޮށްލި ބަދުރު މަޑުމަޑުން އަތް ތިރިކޮށްލަމުން ކުރިއަށް ބަލާލީ ވޭނީ ހަޅޭކެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.

މުޅި ގައިގާ ހުޅުހިފާފައިވާ އަންހެނަކު ކުރިމަތިން ފެންނަން ހުއްޓެވެ. އޭނާ ބަދުރާ ދިމާއަށް އަތް ހަނާއަޅަމުން ދިޔައެވެ. ބިރުގެންފައި ހުރިލެއް ބޮޑުކަމުން ހުޅުވާފައިވާ އަތްތިލަ ލައްޕާލަމުން އަތުތެރޭ އޮތް އުނިމާ އޭނާ ފޮރުވާލިއެވެ. ހަމައެއާއެކު މުޅިތަނަށް ކަނު އަނދިރިކަން ވެރިވެ ހަމަހިމޭންވެއްޖެއެވެ.

ނިދިފައި އޮތް ބަދުރު ތަންމިނަށް ލޯ ހުޅުވާލީ ފެނުނު ހުވަފެނުން ލިބުނު ހާސްކަމާ އެކީގައެވެ. ދަލުން ތެމިފޯވެފައި އޮތް ބަދުރު ރޯނު އެނދުން ފޭބުމަށް ބިންމަތީ ފައިތިލަ ޖައްސާލަމުން އޭނާގެ ކަރު ދެއަތަށް އަނބުރާލީ ކަނދުރާ މަތީގައި އުފެދިފައިވާ ރިހުމަށް ލުޔެއް ހޯދުމަށެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތަށް ފަހު އަރާމުކޮށްލަން ޖައްސާލި ނަމަވެސް ބަދުރަށް ރަނގަޅަށް ނިދޭ ގޮތެއް ނުވިއެވެ.

ކޮޓަރީގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި ދޮލަނގާ ދިމާއަށް ބަދުރު ބަލާލީ ވަގުތު އައިސް ޖެހިއްޖެ ކަމުގެ ސިގްނަލް ލިބި އޭނާގެ މަސައްކަތް ފަށަންވެއްޖެ ކަމުގެ އިހްސާސް ވެރިވުމުންނެވެ. އެ ދޮލަނގާ ދިމާއަށް ބަލަން ހިނދުކޮޅަކު ހުރުމަށްފަހު ބަދުރު އިން ތަނުން ތެދުވިއެވެ. އަދި ހުދު ފޮތިގަނޑުން އެ ދޮލަނގުގެ މަތި ނިވާކޮށްގެން އޭނާ އެގޭ ގޯއްޗަށް ނުކުމެ އުޑުމައްޗަށް ބަލާލިއެވެ. ވަގުތު ކައިރިވެއްޖެ ކަން ޔަގީންވެ ބަދުރު ދޮލަނގު ހިފައިގެން ހިނގައިގަތް އިރު އޭނާގެ އަތުތެރޭގައި އުނި މަލެއް އޮތެވެ.

މެންދަމުގެ އެ ވަގުތު އެ ރަށުތެރެއިން މީހެއްގެ ހިލަމެއް ނުވެއެވެ. އެއީ ބޮޑު ރަށެކެވެ. ނަމަވެސް އެ ރަށުގައި ދިރިއުޅެނީ މަދު ބައެކެވެ. ރަށުގައި މީހުން އާބަދުވެފައި ސަރަހައްދުގައި ހަދާފައިވާ ކުދި ޖިފުޓިގެތަކުން އެއްވެސް އަލިކަމެއް ފެންނާކަށް ނެތެވެ. އިރުއޮއްސުމާއެކީ އެންމެންވެސް ގޭގެއަށް ވަދެ ނިދުމުން މުޅި ރަށުތެރެ އެކީ ފަޅުވެގެން ދެއެވެ.

ދޮލަނގު ހިފައިގެން ބަދުރު މިސްރާބު ޖެހީ އަތިރިޔާ ދިމާއަށެވެ. 14 ވިލޭރޭގެ ހަނދުވަރުގެ އަލިކަން ވެރިވެފައި އޮތުމުން ތަންދޮރު ފެންނަވަރުގެ ރީތި އަލިކަމެއް ވެރިވެފައި ހުއްޓެވެ. އަތިރިއާ ހަމައަށް ގޮސް އޭނާ އެ ދޮލަނދު ބިންމަތީ ބެހެއްޓިއެވެ. އަދި އެ ދޮލަނގު މަތީގައި އަޅާފައިވާ ހުދު ފޮތިގަނޑު ނަގާ ދެކަކޫ ޖަހާ ދޮންވެލިގަނޑުމަތީ އިށީނދެ އޭނާ ހަމަޖެހިލިއެވެ. އަދި ގުދުވެ އެ ދޮލަނގުގެ އެތެރެއަށް އޭނާ ބަލާލިއެވެ. އޭގައިވާ ސާފު ފެނުގެ ތެރެއިން ފެންނަމުން ދިޔައީ އުޑުމަތިން ފެންނަމުން ދިޔަ ތަރިތަކާއި 14 ވިލޭރޭގެ ހަނދެވެ. އަދި އެ ހަނޑުގެ މައްޗަށް މަޑުމަޑުން އަރަން ފެށީ ކަޅު ބޮޑު ހިޔަންޏެވެ.

ބަދުރުގެ ހަށިގަނޑު ދެއަތަށް ހެއްލަމުން ދެލޯ މަރައިގެން ހުރެ ތުންތަޅުވަން ފެށިއެވެ. ހަމައެއާއެކު ހަނދުގެ މައްޗަށް ކަޅު ހިޔަންޏެއް އަރަމުން ގޮސް ހަނދުގެ މެދަށް އެ ހިޔަނި އެކީ އަރައިފިއެވެ. ފުރިހަމަ ހަނދުކޭތައެއް ހިފާ ނިމުމުން ބަދުރު ދެލޯ ހުޅުވާލަމުން އޭނާ އަނދެގެން ހުރި މުންޑުގަނޑު ތެރެއިން ކުޑަ ފިޔޮއްސެއް ނަގާ އޭނާގެ އަތުގެ އިނގިލިކުރީގައި އަޅާ ދަމާލައި ޒަހަމްކޮށްލައިފިއެވެ. ޒަހަމްވީތަނުން ފައިބަމުންދިޔަ ލޭތައް އުނިމަލުގައި ހާކާލުމަށް ފަހު ސާފު ފެން ހުރި ދޮލަނގުގެ ތެރެއަށް ވައްޓާލިއެވެ. ހަމައެއާއެކު ދޮލަނގުގެ ތެރެގައިވާ ސާފު ފެން ރަތްކުލައަށް ބަދަލުވެގެން ދިޔައެވެ.

ބަދުރު އޭނާގެ ދޫ މަޑުމަޑުން ހަރާކާތްކޮށްލިއެވެ. "ކަމަނާ... ކަމަނާ... ވަގުތު އައިސް ޖެހިއްޖެ"

ހަމަހިމޭނަކަމުގެ ތެރެއިން އިވެމުންދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުންދިޔަ އަޑެވެ. ވައި ގަދަވެ އަތިރިމަތީ ހުރި ރުއްތަކުގެ ފަންތައް ހެލެމުންދިޔަ އަޑުވެސް ރާޅުޖަހާ އަޑާ އެކުވެގެން ދިޔައެވެ. ދެން އިވިގެން ދިޔައީ އަތިރި މަތިން ކާޅެއް ގޮވާލި އަޑެވެ. އެ އަޑަށް ބަދުރު ފަސް އެނބުރި ބަލާލީ ވިހަ ހިނިތުންވުމަކާ އެކީގައެވެ.

ރަތް ލިބާހެއްގައި ހުރި ރީތި އަންހެނެއް ފަރި ހިނގުމެއްގައި ހިނގައިފައި އަންނަތަން ބަދުރަށް ފެނުނެވެ. ބަދުރު އިސް ތިރިކޮށްލީ އޭނާއާ ހަތަރުކަޅި ބައްދަލު ކުރަން ބޭނުން ނުވާތީއެވެ. ދޮލަނގާ ދިމާއަށް އޭނާ ބަލަން އިސްޖަހައިގެން އިންދާ އެ އަންހެން މިހާއައިސް ލޯގަނޑު ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ވަނީ ދޫކޮށްލާފައެވެ. ވަޔާ އެކު އެ އިސްތަށިގަނޑު ވިހުރެމުން ދިޔައިރު އޭނާގެ ދެލޯ ރަތްކުލައިން ދިއްލުނެވެ.

*** *** *** *** *** ***

ޖެހިގެން އައި ދުވަހަށް އިރުއަރައިފިއެވެ. ހާލާއި ކާޅާއި ކޮވެލީގެ ގޮވެއްޔަށް ރަށުތޭރޭގެ މީހުންތައް ހޭލަމޭލަވެ އުޅެން ފަށައިފިއެވެ. މަހަށް ފުރަންދާ ދޯނިތަކަށް މަސްވެރިން އަރާ ދަތުރަށް ފުރައިފިއެވެ. ހަމައެއާއެކު އަންހެންވެރިން ނުކުމެ ރަށުތެރެ ކުނިކެހުމާއި ގޭތެރޭގެ މަސައްކަތުގައި ޝާމިލުވެއްޖެއެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތަށް މިސްކިތުމަގުގޭގައި މިއަދު ހެނދުނުވެސް އޮތީ ވަރުގަދަ ސައެއް ތައްޔާރުކޮށްފައެވެ. ރަށުގެ ކަމުވޮށިގެންވާ މީހުންގެ ތެރެއިން އެގޭ ތައްކާނަކީ ހޮވާލެވޭ މީހެކެވެ.

ސިލުނބުގައިވާ ދުންފަތްގަނޑު ރަނގަޅުކޮށްލުމަށްފަހު އޭގެ މައްޗަށް ރޯކުރި ނާށިތައް ބަހައްޓާ ދަލޭކަ އެއަށް ފުމެލިއެވެ. ނާށިގަނޑު ގަދައަށް ރޯކުރަންވެގެން އެއަށް ވިހުރެމުން ދިޔަ ދަލޭކަ ގުދަށް އޮވެ ފުމެމުން ދިޔައެވެ. އޭރު އަޑަފިގަނޑު އުނގަށް ލައިގެން ބޮޑު އުނދޯލީގައި މިސްކިތުމަގުގޭ ތައްކާނު އިނީ އަނގަފުރާ ބިލަތާއި ފޯކާ ލައިގެން ދުފާލަދުފާލައެވެ.

ގުޑުގުޑާގަނޑު ރަނގަޅަށް ތައްޔާރުވުމުން ނޮޅީގައި އަނގަ ޖަހާ ހަށިފުރާ ދުންތައް ދަލޭކަ ދަމާލަމުން ތައްކާނަށް އިޝާރާތް ކޮށްލިއެވެ. އަދި ގުޑުގުޑާގެ ނޮޅި ތައްކާނު އަތަށް ދިއްކޮށްލަމުން ތައްކާނު އުނގު ތެރޭއިން އަޑަފިގަނޑު ނަގާ އުނދޯލީގައި ދަލޭކަ ރަނގަޅަށް ހަމަޖެހިލީ ލިބާސްގަނޑު އަރުވާ ޖަހާލަމުންނެވެ.

ނާށިގަނޑަކަށް ޗޮއްކިޔާ ރަތްކުޅު ޖަހާލުމަށްފަހު ނޮޅީގައި އަނގަ ޖަހާ ހަށިފުރާ ތައްކާނު ދުންތައް ދަމާލިއެވެ. އެއަށް ފަހު ވައިގެ ތެރެއަށް އެ ދުންތައް ބޭރުކޮށްލަމުން ދަލޭކަ ގާތު ވައިއަރުވައި ދިނުމަށް އޭނާ އެދުނެވެ. ވައި ވިހުރެން ގެންގުޅޭ ފަންކާ ގަނޑު ނަގާ ވިހުރެމުން ދަލޭކަގެ ރީތި އަޑުން ރާގު އަޅުވާލާފައި ރައިވަރު ކިޔަން ފެށުމުން ތައްކާނުގެ މަޑުމަޑުން ދެލޯ މާރާލީ އެއްވަރަކަށް އުނދޯލީ ހެއްލާލަމުންނެވެ. ހެނދުނުގެ ނާސްތާއަށް ފަހު މަޑިސީލަ ކައިރިކޮށްގެން ދުފާލައިގެން ދަލޭކަ ކިޔާ ރައިވަރު އަޑުއެހުމަކީ އަލި ތައްކާނުގެ އާދައެވެ.

އުނދޯލި މަޑުމަޑުން ހެއްލާލަ ހެއްލާލަ އިން ތައްކާނުގެ ފައި ތިލަ ބިންމަތީ ޖައްސާލަމުން އުނދޯލި މަޑުޖައްސާލީ އޭނާއަށް ތަފާތު އަޑެއް އިވުނުހެން ހީވުމުންނެވެ. ދަލޭކައަށްވެސް އެ އަޑު އިވި ކިޔަމުން ދިޔަ ރައިވަރު މަޑުޖައްސާލައިފިއެވެ. އެ ރަށުގެ ރައްޔިތުން އައިސް އޭރު އެގޭތެރެއަށް ވަދެގެންފިއެވެ. އެގޯތި ތެރެއަށް ވަދެގެން އައި މީހުންގެ އަޑުފައްގަނޑު ކަންފަތުގައި ޖެހުމުން އަލިތައްކާނު ހިފައިގެން އިން ގުޑުގުޑާގަނޑު ދަލޭކައާ ހަވާލުކުރުމަށްފަހު އަނދެގެން ހުރި މުންޑުގަނޑު ކޮށިކުރަމުން ގޯތިތެރެއަށް ނުކުންނަން އޭނާ އަވަސްވެގަތެވެ. އޭރު އެގޭތެރެއަށް ވަތް މީހުންތައް އަޑުގެ ނެތްތަނަށް ވާހަކަ ދައްކަމުން ދިޔައިރު އެ އުޅެނީ ކިހިނެއްވެގެންތޯ ބަލަން ތައްކާނު ބޭނުންވިއެވެ.

ގޯތިތެރެއަށް ނުކުމެ އެއްފަރާތަށް ރަތްކުޅެއް ޖަހާލުމަށްފަހު އަނގަމަތި ފޮހެލަމުން ތައްކާނު ގޮވާލިއެވެ. "ހެނދުނު އެރި އިރާއެކީ މިގޯއްޗަށް ތިއައީ ކޮން މުސީބާތެއް ލައިގަތީއާ... ހަޅޭއް ފަޅޭއް ނުލަވާ ތިޔާ ވެގެން އުޅޭ ގޮތެއް ކިޔައިދިނީމާނު އެނގޭނީ..."

އެންމެން ހިމޭންވެ އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބީ އެވާހަކަ ދައްކާނެ މީހަކު ޔަގީން ނުވެފައެވެ. އެންމެން ކަހަލަ ގޮތަކަށް ބަލާލީ ރޮއެ ދެލޯ ދުޅާވެފައި ހުރި ދީދީއާ ދިމާއަށެވެ.

ކުރިއަށް ޖެހި ވާހަކަ ދައްކަން ފެށީ އިއްތޯބެއާގޭ ދީދީއެވެ. ދީދީ އަކީ އަލިތައްކާނުގެ ވަރަށް ގާތް ރަހްމަތްތެރިއެކެވެ. ދެލޯ މުދުނަށް ލައިގެން ހުރެ ދީދީ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީ ރޮމުން ކަމެއް ރުޅިއައިސްގެން ކަމެއް ނޭނގެއެވެ. އޭނާ ބުނާ އެއްޗެއް ސާފުވާ ވަރުވީ ދެބުރަކަށް ބުނި ފަހުންނެވެ.

"އަފުރެންގެ ގޯތި ފިކުރީ ގެއްލިގެން މިއުޅެނީ.. ރޭވީ ފަހުން ގޯއްޗަށް ނާދޭ.. ފިކުރީ ދާނީ ވަކި ކޮންތާކަށް.... އޭނާ ދާނެހެން ހީވާ ހުރިހާ ތަނެއް ހޯދިއްޖެ.... ފިކުރީއެއް ނުފެނުނު.."

ދީދީގެ ހާލު ބަޔާންކޮށްދީ ނިމުން އިރު އޭނާއަށް ރޮވިއްޖެއެވެ. ނާއުންމީދުވެފައިވާ ދީދީގެ ކޮނޑުގައި ތައްކާނު ހިފާލަމުން އޭނާ އިޝާރާތްކޮށްލީ އޭނާގެ ގޭގައި ތިބި ހާދިމުންނަށެވެ. "ފިކުރީ ހޯދަނނުކުމޭ. ތުނޑީކޮޅުން ފެށިގެން ވަލުތެރެއާ އެކީ ނުބަލާ އެންމެ ތަނެއްވެސް އޮވެގެން ނުވާނެ. ފިކުރީއަކީ ހަމަ އަފިރިންގެ ދަރިއެއް ކަހަލަ ކުއްޖެއް. ކޮބާ އަވަސްކުރޭ..."

ރަށުގައި އެވަގުތު ތިބި ހުރިހާ ފިރިހެނުން ތައްކާނުގެ އަމުރާ އެއްގޮތަށް އިއްތޯބެއާގޭ ދީދީގެ ފިކުރީ ހޯދާން އަވަސްވެގަތެވެ.

(ނުނިމޭ)