މަޑުމަޑުން ހުޅުވެމުންގޮސް އަހަރެންގެ ލޯ ހުޅުވިއްޖެއެވެ. ހީވީ ގަދަ ނިންޖަކުން ހޭލެވުނު ހެންނެވެ. ހަށިގަނޑަށް ވަރުބަލިކަމެއް އިޙްސާސްކުރެވުނެވެ. ލޯ ހުޅުވުމާއެކު ފެނުނު މަންޒަރުތަކުން އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. ކުރިމަތީގައި ހުރި ބިއްލޫރިގަނޑުގެ އަނެއް ފަރާތުން ފެންނަމުން ދިޔައީ ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ.
އަހަރެންގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ދައްތަގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓޭތަންވެސް މީގެ ކުރިން ދުވަހަކުވެސް އަހަރެންނަށް ފެނިފައެއް ނުވެއެވެ. މަންމަ ހުރީ ބައްޕަގެ ގައިގާ ބައްދައިގެން ކޮނޑުގައި ބޯ އަޅާލައިގެންނެވެ. މަންމައާއި ބައްޕަވެސް ގިސްލާ ރޮނީއެވެ. ހީވަނީ މީހަކަށް ބޮޑު ކަމެއް ވެގެން އުޅޭހެންނެވެ. މީހަކު މަރުވީހެއްޔެވެ؟ އެންމެން ތިބި އިރުވެސް އެތާނގައި އަހަރެންގެ އަންހެނުން ނަޝްފާއެއް ނެތެވެ. އަނެއްކާ ނަޝްފާއަށް ކަމެއް ވީ ނޫން ބާއެވެ؟ ދުވެފައިގޮސް މަންމަމެން ގައިގާ ބައްދައިގެންފާ ރޮއިލަން އަހަރެންވެސް ބޭނުމެވެ. ވެގެން އުޅޭ ގޮތެއް ނޭނގުނަސް އަހަރެންނަށް ވެސް އަސަރުކޮށްފިއެވެ.
އަހަރެން އޮތް ޙާލާމެދު ވިސްނާލެވުނީ ދެނެވެ. އެއާއެކު އަހަރެންނަށް ވާނުވާ އެނގިއްޖެއެވެ. މަރުވެގެން އެ އުޅެނީ އެހެން މީހެއް ނޫނެވެ. އަހަރެންނެވެ. އަހެރެން ގައި ދަށާއި މައްޗާއެކު ވަނީ ހުދު ފޮތިން ކަފުން ކުރެވިފައެވެ. އެކަމަކު އަހަރެން މަރުވީ ކިހިނެއް ހެއްޔެވެ؟ ނަޝްފާ ކޮބާހެއްޔެވެ؟ ހަނދާން ކުރަން އުޅެއުޅެ އެއްކަމެއްވެސް ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ. އާއިލާގެ އެންމެންނާ އަދި އެއްފަހަރު ބައްދަލުކޮށް ވަދާއުގެ ސަލާމެއް ކޮށްލަން އަހަރެން ބޭނުމެވެ. މަންމައާއި ބައްޕަގެ ބޮލުގައި ފިރުމާލާފަ ހިތްވަރު ކުރާށޭ ބުނެލަންވެސް ބޭނުމެވެ. އެހެނަސް ދެން އަހަރެންނަށް އެ ފުރުސަތެއް ނުލިބޭނެއެވެ.
އަނެއްކާވެސް މެރެމުން މެރެމުންގޮސް އަހަރެންގެ ލޯ މެރިއްޖެއެވެ. މިހާރު މޫނުއަޅައި، ސަންދޯކަށްލައި، ޖަނާޒާގެ ކަންތައް ކުރިއަށް ދަނީ ކަންނޭނގެއެވެ. ދެވަނަ ފަހަރަށް އަހަރެންގެ ލޯ ހުޅުވިއްޖެއެވެ. މިއޮވެވެނީ ކައްވަޅުގައި ބާއެވެ؟ އެވަގުތު އަހަރެންނަށް ފެނުނީ އަހަރެންނާ ދިމާލަށް އައި މީހެކެވެ. އެމީހާ ހުރީ ހުދު ހެދުމުގައެވެ. އެއީ އަހަރެންގެ "ހެޔޮ ޢަމަލު"ކަން އަހަރެންނަށް ޔަޤީނެވެ. އަހަރެންނަކީ ދުނިޔޭގައި އުޅުނު އިރު ބަރާބަރަށް ނަމާދު ކުރި މީހަކީމެވެ. އަހަރެންގެ "ހެޔޮ ޢަމަލު" އައިސް އަހަރެންގެ މަގަތުގައި ހުއްޓުނެވެ. ވަގުތުން އަހަރެންގެ ހިތުގައި އުފެދިފައި ހުރި ހުރިހާ ސުވާލެއް އެއްފަހަރާ ބަންޑުން ކޮށްލީމެވެ. އެއީ އަހަރެންގެ ހެޔޮ ޢަމަލުކަމަށް ވަންޏާ އޭނައަށް އެ ހުރިހާ ސުވާލެއްގެ ޖަވާބުވެސް އެނގޭނެކަން ޔަޤީން ކޮށްފައެވެ. "އަހަރެންނަށް ވީ ކިހިނެއް؟ ކޮބާ ނަޝްފާ؟ އޭނަ ކީއްވެ އަހަރެންގެ މޫނު ބަލާލަންވެސް ނައީ؟ އޭނަގެ ޙާލު ރަނގަޅުތަ؟"
އަހަރެން އުންމީދު ކުރިގޮތާ އެއްގޮތަށް އަހަރެންގެ "ހެޔޮ ޢަމަލަށް" އެ ހުރިހާ ސުވާލެއްގެ ޖަވާބުވެސް އެނގެއެވެ. އޭނަ ކިޔައިދެން ފެށިއެވެ. "މިއަދަކީ ނަޝްފާގެ އުފަނދުވަހެންނު. އެހެންވެ އެންމެން އުޅުނީ ނަޝްފާއަށް ސަޕުރައިޒްއެއް ދޭން. ޒާއިފްގެ މަންމަމެން ގޭ ތައްޔާރުކުރީ އެކަމަށް. ރޭގަނޑު 8 ޖަހަންދެން ވެސް ޒާއިފްވެސް އުޅުނީ އެތަން ތައްޔާރުކޮށް. ތައްޔާރުކޮށް ނިންމާފަ ޒާއިފް ދިޔައީ ގެއަށް ގޮސް ފެންވަރާލައިގެން ނަޝްފާ ގޮވައިގެން އަންނާނަމޭ ކިޔާފަ. ޒާއިފްގެ ދައްތަ އޭރު އުޅުނީ ކޭކު އަޅައި. ހުރިހާ ކަމެއް ތައްޔާރުކޮށް ނިމި ވަރަށް ގިނަ އިރު ވީއިރުވެސް ޒާއިފްމެން ނުއެއް އާދޭ. ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުދޭ. އެންމެން އެގޮތަށް އިންތިޒާރުގައި ތިއްބައި ގުޅީ ހޮސްޕިޓަލުން. ބުނީ ޒާއިފްމެން އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެނެވުނު ވާހަކަ."
އޭނާގެ ވާހަކަ އެހިސާބަށް ދިޔަތަނާ އަހަރެންނަށް ދެން ވީ ގޮތް އެނގުނެވެ. އަހަރެން މަރުވީ ހޮސްޕިޓަލަށް ގެނައިސް ފަރުވާ ދެމުން ދަނިކޮށެވެ. އަހަރެންގެ ފަރުވާކުޑަކަމުން އާއިލާއަށް މި ދެވުނީ ކިހާބޮޑު ހިތާމައެއް ހެއްޔެވެ؟ ޔަޤީނެވެ. ނަޝްފާއަށްވެސް ވަރަށް އަނިޔާ ހުންނާނީ ލިބިފައެވެ. އޭނަ އިނީ ސައިކަލުގެ ފަހަތުގައެވެ. އާންމުކޮށް އެކްސިޑެންޓުތަކުގައި ދުއްވަން އިންނަ މީހާއަށް ވުރެ ބޮޑަށް އަނިޔާވަނީ ފަހަތުގައި އިންނަ މީހާއަށެވެ. ވީއިރު، ނަޝްފާގެ ފުރާނަ ސަލާމަތްވުން އެއީ އޭނާގެ ނަސީބުކަމެއް ނުވަތަ ބަދު ނަސީބުކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގެއެވެ. އަހަރެންނާ ވަކިން ނަޝްފާ ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން ވަކިވުމުން ނަޝްފާގެ އުފާތައްވެސް އޭނާއާ އަލްވަދާޢު ކިޔާނެއެވެ. އަހަރެންނަށް އެނގޭހާވެސް ކަމަކީ، ނަޝްފާ މަރުވެފައި އަހަރެން ސަލާމަތް ވީނަމަ، އަހަރެން ދިރިއުޅެން ޖެހޭނީ ދިރިހުރި މައްޔިތެއް ފަދައިންނެވެ. އެއަށް ވުރެ އަހަރެންނަށް މިގޮތްވެސް ރަނގަޅެވެ.
އަހަރެން ތެޅެން ފެށީމެވެ. ކުއްލިއަކަށް ބިންގަނޑު އަހަރެން ފިއްތާލިހެން ހީވިއެވެ. ދެއަތަށް ތޫނު ތަދެއް އިޙުސާސް ކުރެވުނެވެ. ދެއަތުގައި ޖަހާފައި ހުރި ހިލިހިލާތަކަށް ވާންވާން ފެށިއެވެ. އަހަރެން ތެޅެން ފެށުމުން އަހަރެންގެ "ހެޔޮ ޢަމަލު" އަހަރެންގެ ފައިގަ ހިފެހެއްޓިއެވެ. އޭނާ އެއްޗެކޭ ގޮވާހެން ހީވެގެން އަހަރެން އޭނައަށް ސަމާލުކަން ދިނީމެވެ. "ޑޮކްޓަރ" "ސިސްޓަރ" އޭނާ ގޮވަމުން ގެންދިޔައެވެ. ޙަޤީޤީ ދުނިޔޭގެ ކަންތައްތަކާއި ވަހުމާ މަސްހުނިވެފައި ވީ ޚިޔާލެއްގައި އޮވެފައި، އަހަރެންނަށް ހަމަހޭވެރިކަން ވީ ދެނެވެ. އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. އެއް އަތަށް އައިވީ ގުޅާފައި އޮތް އިރު އަނެއް އަތަށް އޮތީ ލޭ ގުޅާފައެވެ. ޑޮކްޓަރުން އައިސް އަހަރެން ހަމައަކަށް އެޅުވުމުން، އަހަރެންގެ މަގަތުގައި އިން އަހަރެންގެ އެންމެ އެކުވެރި، ހައިޝަމާ އަނެއްކާވެސް އަހަރެން ސުވާލު ކުރީމެވެ.
"ކޮބާ ނަޝްފާ؟" ހައިޝަމް ވަރަށް މޮޅިވެރި ރާގަކަށް ޖަވާބުދިނެވެ. "ޒާއިފްގެ ބައްޕަމެންވީ ނަޝްފާގެ ޖަނާޒާގެ ކަންތައް ނިންމަން ގޮސް. ޑޮކްޓަރ ބުނީ އެކްސިޑެންޓުގެ ސަބަބުން ސިކުނޑިއަށް ލޮޅުން އަރާފައިވާތީ ހޭއެރިޔަސް ޒާއިފަށް ވާނުވާ އެނގެން އިރުކޮޅެއް ނަގާނެކަމަށް. އެހެންވެ އަހަރެން މިއިނީ ޑޮކްޓަރުންގެ ހުއްދަ ހޯދައިގެން ނަޝްފާގެ މޫނު ބަލާލަން ޒާއިފް ގޮވައިގެން ދާން މަޑުކޮށްގެން." ނަޝްފާގެ މަރުގެ ޚަބަރު އެގޮތަށް އަހާކަށް އަހަރެންގެ ނަފްސު ތައްޔާރެއް ނޫނެވެ. އަހަރެންގެ ހަމަހޭވެރިކަން ގެއްލިފަވީ ވަގުތު ކުރެވުނު ޚިޔާލުތަކަކީ އަސްލު ޙަޤީޤަތް ނަމައޭ ހިތަށް އެރިއެވެ. ނޫނީ މިއީ އަހަރެންނަށް ނިދީގައި ފެނުނު ބިރުވެރި ހުވަފެނަކަށް ވެފައި، ހޭލެވޭނެ ނަމައޭ ހިތަށް އެރިއެވެ. އެހެނަސް މިއީ ހަޤީޤަތެވެ. ނަޝްފާ އަހަރެންނާ އަބަދަށްޓަކައި އަލްވަދާޢު ކީއެވެ.
ފުރޮޅުލީ ގޮނޑީގައި އިނދެ އަހަރެން ނަޝްފާގެ މޫނު ބަލަން ވަނީ ވަދާޢުގެ ސަލާމް ކޮށްލުމަށެވެ. ނަޝްފާގެ ކިބައިން އަހަރެން މަޢާފަށްވެސް އެދުނީމެވެ. އެހެނަސް ފުރާނަ ނެތް އެމަސްގަނޑަށް ދެވޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ނަޝްފާގެ މައުސޫމު މޫނަށް ބަލަން އަހަރެން ހުރީ، މީ ނަޝްފާ ފެންނާނެ އެންމެ ފަހު ފަހަރުކަން އެނގޭތީއެވެ. އަހަރެން އެތަނުން ނުކުތީ ނަޝްފާއާއެކު ވަޅުލަން، އެ ސަންދޯކުގެ ތެރަށް އަހަރެންގެ އުފާތައް ވެސް ދޫކޮށްފައެވެ. އެކްސިޑެންޓުގެ ސަބަބުން ސިކުނޑިއަށް ލިބިފައި ހުރި ގެއްލުންތަކަށް އިތުރަށް ފަރުވާކުރަން ޖެހޭތީ، ނަޝްފާ ވަޅުލުމުގެ ކަންތައް ނިންމާފައި އަނެއްކާވެސް އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. ތިންމުށް ވެލިން ނަޝްފާއަށް އޭނާގެ އުފަންދުވަހުގެ ހަދިޔާ ދީފައެވެ. ސަހަރާއިން ނުކުމެގެން ދިޔައިރުވެސް އަހަރެން ވަރަށް ކެތްކުރީމެވެ. އަހަރެން ކުރާ ހިތާމަ އެހެން މީހުންނަށް ބުނެދޭން އަހަރެންގެ ދޫ ނުކުޅެދޭނެކަން އެނގޭތީއެވެ. އެހެނަސް ނަޝްފައާއެކު އަހަރެންގެ އުފާތަށް ވެސް އަހަރެންނާ އަލްވަދާޢު ކިޔައިފިކަން އެނގޭނީ ކިތައް މީހުންނަށް ހެއްޔެވެ؟
-ނިމުނީ-
ވަރަށް ރީތި ވާހަކައެއް