ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 3 ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި 3 ފަރާތެއްގެ ސާމްޕަލް ނުނަގާ 5 ދުވަސް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި 3 ފަރާތް ޑައިރެކްޓް ކޮންޓެކްޓް ވެފައި ވަނީ ރާއްޖެއިން ޕޮޒިޓިވް ވި ޕާކިސްތާނުގެ 3 ރައްޔިތަކާއެވެ. އެގޮތުން މީގެ ތެރެއިން އެކަކު (ކޭސް 189) މިދިޔަ މަހު 26 ވަނަ ދުވަހު ޕޮޒިޓިވް ވެފައި ވާއިރު، އަނެއް ދެމީހުން (ކޭސް 216 އަދި ކޭސް 245) ޕޮޒިޓިވް ވެފައި ވަނީ 27 އަދި 29 ވަނަ ދުވަހެވެ.

ނަން ހާމަ ނުކުރާ ގޮތަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، އެއް ގެއެއްގައި އުޅޭ ތިން މީހަކީ މި ކޭސްތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކަކަށް ވުމާއެކު މި ތިން މީހުން ވެސް ތިބީ އައިސޮލޭޝަންގައި ގޭގައި ކަމަށެވެ. އަދި އެޗްޕީއޭއިން އެންގި ގޮތަށް އަމިއްލައަށް އައިސޮލޭޓް ވެގެން ތިބޭތާ 4-5 ދުވަސް ވެގެން ދިޔައިރު، "އަންނަނީ، އަންނަނީ" ކިޔަމުން އަދިވެސް ސާމްޕަލް ނަގަން ނާންނަ ކަމަށެވެ.

މިކަމާ ގުޅިގެން އެންއީއޯސީން ބުނެފައިވަނީ ސާމްޕަލް ނަގާނެ ކަމަށެވެ. އަދި މިހާރު ދާ ރޭޓުން ސާމްޕަލް ނެގޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތެއް އެންއީއޯސީއަކުން ނުބުންޏެވެ.

އެ ފަރާތުން ބުނީ، ޖުމްލަ 7 މީހުން އުޅޭ ގެއެއްގައި 3 މީހަކު އައިސޮލޭޓް ވާން އަންގާފައި ވާއިރު، އެގޭގައި ދެން އުޅެނީ ކުޑަ ކުއްޖަކާއި އުމުރުން ދުވަސްވީ ފަރާތެއްގެ އިތުރުން ދާއިމީ ބައްޔަކަށް ބޭސްކުރާ ދެ މީހުން ކަމަށެވެ. ގޭތެރޭގައި މާސްކާއި އަންގި ލައްވައިން އައިސޮލޭޓް ވެގެން، މިފަދަ ހާލެއްގައި އުޅޭއިރު ގޭގައި އައިސޮލޭޓް ވެވޭނެ ގޮތެއް ނެތް ކަން އެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

މިހާތަނަށް ޕޮޒިޓިވް ވެފައިވާ ޕާކިސްތާނު ތިން މީހުންގެ ތެރެއިން އެކަކީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ 48 އަހަރުގެ ފިރިހެނެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ކުރިން ވަނީ 4 ފަހަރެއްގެ މަތިން މާލެ ސަރަހައްދުގެ ތިން ހޮސްޕިޓަލަކަށް ގޮސްފައެވެ.

އޭނާ ފުރަތަމަ ދިޔައީ ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭ ހޮސްޕިޓަލަށެވެ. އަދި އެއަށްފަހު ޓްރީޓޮޕް ހޮސްޕިޓަލަށް ދެފަހަރެއްގެ މަތިން ގޮސްފައި ވާއިރު، އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން ދެނެގަނެވިފައި ވަނީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ސާމްޕަލް ނަގާ ޓެސްޓު ހެއްދުމުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޫގައި އޭނާ އެޑްމިޓް ކޮށް ފަރުވާ ދެމުން ދަނީ އޭނާގެ އޮކްސިޖަން ލެވެލް ދަށްވުމުގެ ސަބަބުންނެވެ.