މިމަހު 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ގަދައަށް ފެތުރެމުން އަންނަ ކޮވިޑް-19އަށް މާލެ ސަރަހައްދުން މިއަދާ ހަމައަށް 117 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރެއިން ބަޔަކު ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައި ވާއިރު، އެތަނުގެ ހާލަތާ މެދު ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ.

ނޫސްތަކުގެ ސުރުހީތަކުންނާއި ސޯޝަލް މީޑިއާއިން އެތައް ބަޔަކު ވަނީ އެތަނުގެ ހާލަތު ބަޔާން ކޮށްދީފައެވެ.

ފަރުކޮޅުފުށީގެ ހާލަތާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން، އެތަނުގެ ހާލަތު އެނގޭ ފަރާތަކުން ބުނީ، ދެތިން ދުވަސް ވާންދެން ރާއްޖެއަށް ކުރި ވިއްސާރާގައި އައިސޮލޭޝަންގައި ތިބެން ޖެހުނީ، ވެހުނުހާ ވާރެއާ ތެމިގެން ކަމަށެވެ. އެ ފަރާތްތައް އައިސޮލޭޓް ކޮށްފައި ވާ ހަޓް ނުވަތަ ވާޑް ތެރެއަށް ވެސް ވާރޭ ވެހުނު ކަމަށް އޭނާ މައުލޫމާތު ދެއެވެ.

އިއްޔެ މެންދުރުއްސުރެ ވާޑްގައި ކަރަންޓު ނެތް ކަމަށާއި، ފަރުކޮޅުފުށި ބަލަހައްޓަން ތިބޭ ފަރާތްތަކަށް އެކަން އެނގިފައި ވަނީ ވެސް އިއްޔެ އިރުއޮއްސުނު ފަހުން ކަމަށް އޭނާ މައުލޫމާތު ދެއެވެ. އޭނާ ބުނީ، ކަރަންޓު ދިޔަ ވާޑަށް ރޭ އެތައް އިރެއް ވީއިރުވެސް ކަރަންޓު ނައިސްގެން އެ ވާޑްގައި ތިބި ފަރާތްތައް އެހެން ވާޑަކަށް ބަދަލުކޮށްފައިވާ ކަމަށާއި، މިހާރު ތިބީ 20 މީހުން އެއް ވާޑެއްގައި ކަމަށެވެ.

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އެއްވެސް ސޯޝަލް ޑިސްޓަންސިން އެއް ނެތި 20 މީހަކު އެއް ވާޑެއްގައި ތިބި އިރު، އެތަނުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް އެބަތިއްބެވެ. އޭނާ ބުނީ، އަނގަބަހުން ކިޔައިދީގެން ތަނުގެ ހާލަތު ދެނެ ނުގަނެވޭނެ ކަމަށާއި، ނަމަވެސް އެންމެ ފަހުން ޓީވީން ވިލިވަރު އައިސޮލޭޝަން ފެސިލިޓީގެ ހާލަތު ދެއްކި އިރަށް ވުރެ ވެސް ހާލު ދަށް ކަމަށެވެ. އޭނާ ބުނީ، ފާހާނާ ކުރަން ވިޔަސް ދާން ޖެހެނީ ވާރެއާ ތެމިގެން 20-30 ފޫޓު ދުރުގައި ހުންނަ ތަނަކަށް ކަމަށެވެ.

ކަރަންޓު ނެތުމުން ރޯދަ ވީއްލައިގެން ރަނގަޅަށް ނުވެސް ކެވޭ ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނީ، ހާރު ކެއުމަށް ވެސް ލިބުނީ، ރޯދަ ވީއްލުމަށް ލިބުނު ކާއެއްޗެހި ކަމަށެވެ. ނަމަވެސް ކާއެއޗެހީގެ ތާޒާކަން ކެނޑިފައިވާ ފަދަ މައްސަލައެއް ފާހަގަ ވެފައި ނުވާ ކަމަށް އޭނާ މައުލޫމާތު ދެއެވެ.

ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލި ކުރަންވެގެން ގެނެސްސަ މިތިބީ
ފަރުކޮޅުފުށި އައިސޮލޭޝަންގައި ހުރި މީހެއް

އައިސޮލޭޝަންގައި ތިބި މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގިނަ އަނިޔާތަކެއް ލިބެމުންދާ ކަމަށާއި، ކޮންމެހެން ބަލިވަނީކީ ކޮވިޑް-19 ޖެހިގެން ނޫން ކަމަށެވެ.

އޭނާ ބުނީ، ފެސިލިޓީ މެނޭޖް ކުރަން ބައިތިއްބާ ބަޔަކާ މުއާމަލާތް ނުކުރެވޭ ކަމަށާއި، ފަރުކޮޅުފުށީގައި ބައިތިއްބާފައި ވާ ބަލި މީހުން ނޫން ބަޔަކު އެތަނުން ނުފެންނަ ކަމަށެވެ. އަދި ދުވާލަކު ޑޮކްޓަރަކު އަންނަ ކަމަށާއި، އައިސް ހާލު ބަލާލުމަށް ފަހު ދާ ކަމާށެވެ. އަދި އެއް ފަހަރަށް ވުރެ ގިނަިއން ޑޮކްޓަރަކު ވެސް ނުފެންނަ ކަމަށް އޭނާ ބުނެއެވެ.

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި މަދިރިއަށް ފޮގް ކުރަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އޭނާ ބުނީ، އައިސޮލޭޝަންގައި ބާތިއްބާފައި ވާއިރު، އިހުސާސް ކުރެވެނީ ޖުޒާމް ބަލި ފަދަ ބައްޔެއް ޖެހިގެން ބަޔަކު ތަނަކަށް އުކާލާފައި ތިބޭހެން ކަމަށެވެ. އޭނާ ބުނީ ފަރުކޮޅުފުށީގައި މަދިރީގެ އުދަނގޫ ބޮޑުކަމުން އެވާހަކަ ދެއްކުމަށް ވުރެ ރަނގަޅީ ނުދެއްކުން ކަމަށެވެ. ފާހަނާއަށް ވެސް ވަންނަ އިރު، މަދިރިތައް އަންނަނީ ކޮތަރުބައިގަނޑެއް ގަޔާ ދިމާލަށް އުދުހިގެން އަންނަ ފަދައިން ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވާ ފަރާތްތައް މޮނިޓާ ކުރެވެނީ ކިހާވަރަކަށް ތޯ އަހާ 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ، ޕޮޒިޓިވް ވާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އެއްވެސް ވަރަކަށް ފަރުވާ ދޭން ޖެހޭ ބައެއް ނޫން ކަމަށެވެ. ނަމަވެސް، މާލޭގައި ޕޮޒިޓިވް ވާ ފަރާތްތައް އައިސޮލޭޓް ކުރަނީ އެމީހުން ގައިން އެހެން މީހުން ގަޔަށް ބަލި އަރާފާނެ ކަމުގެ ބިރު ބޮޑުވެފައި ވާތީ ކަމަށް ޑރ. ލަތީފު ވިދާޅުވިއެވެ.

ޑރ. ލަތީފް ވިދާޅުވީ، މިހާރު ޕޮޒިޓިވް ވި ހުރިހާ ފަރާތްތައް އައިސޮލޭޓް ކޮށްފައި ވީ ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް ކަހަލަ ފަރުވާއެއް ދޭން ނުޖެހޭ މީހުން ކަމަށެވެ. ނަމަވެސް ޕޮޒިޓިވް ޕޭޝަންޓުން ބައިތިއްބާ ފައި ތިބި ހުރިހާ ފެސިލިޓީއެއްގައި ޑޮކްޓާރުންގެ ޓީމެއް ތިބޭނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެގޮތުން ފަރުކޮޅުފުށީގައި ވެސް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއްގެ އިތުރުން، ކުއްލި ހާލަތެއްގައި ފަރުވާ ދޭން ޖެހިއްޖެނަމަ، އެ ފަރުވާ ދެވޭނެ ނިޒާމުވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަކީ 5.9 މިލިއަން ރުފިޔަ ހަރަދު ކޮށްގެން އާބާތުރަ ފިލުވައި ބަލި މީހުން ބައިތިއްބުމަށް ބޭނުންވާ ސާމާނާއެކު ތަރައްގީ ކުރި ތަނެކެވެ. އެތަން މަރާމަތުކޮށް އަލުން ހުޅުވާފައި ވަނީ 50 އެނދާއި، 2 އައިސީޔޫ އެނދުގެ އިތުރުން، 1 ވެންޓިލޭޓަރުގެ ޚިދުމަތާ އެކުއެވެ. މިހާރު ފެސިލިޓީގެ ވާރޑުތައް އޭސީކޮށް، ހުރިހާ ވާރޑެއްގައި ބިއްލޫރި ޖަހާފައި ވާއިރު ޓީވީ ހަރުކޮށް، ކޮންމެ ވާރޑެއްގައިވެސް ވައިފައި އާއެކު ޓީވީއެއް ބެހައްޓާފައި ހުރެއެވެ.

އޭގެ އިތުރުން، ނަރުހުންނަށް ޚާއްޞަކޮށް ނާސިން ސްޓޭޝަނެއްގެ އިތުރުން ކޮންމެ ވާރޑެއްގައި 2 ފާޚާނާ ހުންނަ ކަމަށް އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ.