މާލޭ ސިޓީ "ލޮކްޑައުން" ކޮށްފައިވާ މި ހާލަތުގައި މާލޭގެ ބަނދަރުތައް ބަންދުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.

އެޗް.ޕީ.އޭއިން މިގޮތަށް ނިންމާފައިވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާތީ، ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުގައެވެ.

މާލެ، ވިލިމާލެ، އަދި ހުޅުމާލެގައި އިއުލާނުކޮށްފައިވާ 'ލޮކްޑައުން' ގެ ދަށުން މިއަދު މެންދުރުފަހު 3:30 ގެ ފަހުން ފެށިގެން 24 ގަޑިއިރުގެ މުއްދަތަށް މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭ ގޮތަށް) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގައުމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ.

އަދި މި ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތައް ވެސް މަނާ ކޮށްފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން ބުނީ، މި އެނގުން އަންގާފައިވާ މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅިފަޅަށް ވެސް މީހުން އަރާފޭބުން މަނާކޮށްފައިވާ ކަމަށެވެ.