ވައި ނުސާފުވެ ތަޣައްޔަރުކަން އިތުރުވާ މިންވަރަކުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގައި މީހުން މަރުވާ ނިސްބަތްވެސް މައްޗަށް ދާކަމަށް ފަހުގެ ހޯދުންތަކުން ދައްކައިފިއެވެ.

ފަހުގެ ހޯދުންތައް ދައްކާ ގޮތުން، ބަލިމަޑުކަން ފެށުމުގެ ކުރިން އެތަނެއްގައި ވައިގެ ނުސާފުކަން ހުރި މިންވަރަށް ރިއަޔާތްކޮށް އެންމެ ޔުނިޓަކުން ޕޮލޫޝަން ޕާޓިކަލް އިތުރިވިކަމުގައި ވީނަމަވެސް ކޮވިޑް-19ގައި މަރުވުމުގެ ފުރުސަތު 15 ޕަސެންޓް އިތުރު ކަމަށް ދައްކައެވެ.

އެމެރިކާގައި ހަދާފައިވާ މި ދިރާސާ ބުނާ ގޮތުގައި، ބަލިމަޑުކަމުގެ ކުރިން މެންހެޓަންގައި މާ ބޮޑަށް ވައި ނުސާފުވެފައި ނެތުމީ އެސަރަހައްދުން އެތައް ސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އޮތް ފުރުސަތެކެވެ.

ދިރާސާ އެކުލަވާލި ޓީމުން ވަކާލާތު ކުރާ ގޮތުގައި ބަލިޖެހޭ މީހުން ދިރިއުޅެމުންދާ ހިސާބުތަކުގެ ވައިގެ ނުސާފުކަން އެކުލެވޭ މިންވަރާ، އެމީހުންގެ ފުރާނަ ގެއްލިދިއުމާ ބޮޑު ގުޅުމެއް މި ބަލިމަޑުކަމުގައި އެބައޮތެވެ. ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިޖައްސާ ކަމެއްކަން މީގެ ކުރިންވެސް އޮންނަނީ އެނގޭށެވެ. ކަން މިހެން އޮއްވާ، ކޮވިޑް-19ގެ ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ސަބަބުން ނޭވާލާ ނިޒާމަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެއެވެ. މީގެ އިތުރުން ވައި ނުސާފުވުމަކީ ހިތުގެ ބަލިތަކަށްވެސް ހުށަހެޅޭ ކަމެއްކަން ފާހަގަކުރަންޖެހެއެވެ. ހިތުގެ ބަލި ހުރުމަކީވެސް ކޮވިޑް-19ގައި ނުރައްކާ ބޮޑު ގިންތިއެކެވެ.

އިޓަލީވިލާތުގެ ސައިންސްވެރިން އެކުލަވާލި ދިރާސާއަކުންވެސް ދެނީ މިފަދަ މެސެޖެކެވެ. އެގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު، އެނޫން ސަރަހައްދުތަކާ އަޅާ ބަލާއިރު މަދެވެ. ހަމަ މިފަދައިން، އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އުތުރުގެ ސަރަހައްދުތަކުގައި ވައިގެ ނުސާފުކަން ބޮޑުކަންވެސް އިޓަލީވިލާތުގެ ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގައި ވަގުތީ މޯޗަރީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފިނިކުރާ ލޮރީއަކަށް، ކޮވިޑް-19ގައި މަރުވި މީހުންގެ ގަބުރުތައް އަރުވަނީ/ފޮޓޯ: ބްރާޔަން އާރް ސްމިތް

ސައިންސްވެރިން ބުނާ ގޮތުގައި ވައި ނުސާފު ސަރަހައްދުތަކުގައި އުޅޭ މީހުން މި ދުވަސްވަރު ވަކިން ބޮޑަށް ސަމާލުވާންޖެހެއެވެ. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށްވެސް ސައިންސްވެރިން ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން މިފަދަ ދިރާސާއެއް އެކުލަވާލާފައިވަނީ އެމެރިކާގެ ބޮސްޓަންގައި ހުންނަ ހާވަޑް ޓީއެޗް ޗޭން ސްކޫލް އޮފް ޕަބްލިކް ހެލްތްއިންނެވެ. މި ދިރާށާއަށް މައުލޫމާތު އެއްކޮށްފައިވަނީ އެމެރިކާގެ އާބާދީގެ 98 ޕަސެންޓް ހިއްސާކުރާ ގޮތަށް، 3000 ސަރަހައްދަކުންނެވެ.

ކޮވިޑް-19ގައި މީހުން މަރުވަމުންދާ ނިސްބަތަށް ބަލާއިރު 3 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. މި ބަލީގައި އެމެރިކާއިން މިހާތަނަށް 12857 މީހަކު މަރުވިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ކޮވިޑް-19ގައި އެންމެ ގިނަ ބަޔަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ 17127 ކޭހާއެކު އިޓަލީވިލާތުންނެވެ. ދެން އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ ސްޕެއިންނެވެ. ސްޕެއިންއިން 14045 މީހަކު މަރުވި ކަމަށް ރެކޯޑްތަކުން ދައްކައެވެ.

އެމެރިކާގައި ވަގުތީ މޯޗަރީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފިނިކުރާ ލޮރީއަކަށް، ކޮވިޑް-19ގައި މަރުވި މީހުންގެ ގަބުރުތައް އަރުވަނީ/ފޮޓޯ: ބްރާޔަން އާރް ސްމިތް