ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސް ޗެނަލު މެދުވެރިކޮށް ގްރޭޑު 10ގެ ދަރިވަރުންގެ ފިލާވަޅުތައް، މިއަދު ދައްކަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ އެއް ހަފްތާގެ މުއްދަތަކަށް ސްކޫލުތައް ހުޅުވުން ފަސްކޮށްފައެވެ. ނަމަވެސް ޕީއެސްއެމްއާ ޔޫޓިއުބް މެދުވެރިކޮށް ދަރިވަރުންގެ ފިލާވަޅުތައް ނަގައި ދެމުން ގެންދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން މިއަދު ހެނދުނު "ޓެލެކިލާސް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި ހަ މާއްދާއެއް ވަނީ ނަގައިދީފައެވެ. އެއީ އިސްލާމާއި އިނގިރޭސި އާއި ހިސާބާއި ކޮމްޕިއުޓާ ސައިންސް އަދި ދިވެހީގެ ފިލާވަޅުތަކެވެ.

މި ފިލާވަޅުތައް ޔެސްޓީވީގެ ފޭސްބުކް ޕޭޖުން ވެސް ލިބެން ހުންނާނެއެވެ. މިއިން ކޮންމެ މާއްދާއެއް ގެނެސްދެނީ 30 މިނެޓުގެ ވަގުތަކަށެވެ. ފިލާވަޅުތައް ނަގައިދޭނީ 10:30 އާ ހަމައަށެވެ. އަދި އޭގެފަހުން 12:30 އާ ހަމައަށް އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާއިން މީގެ ކުރިން ނަގައިދިން ފިލާވަޅުގެ ރިޕީޓެއް ގެނެސްދެއެެވެ. ހުސްވަގުތު ކޮޅަކަށްފަހު މެންދުރުފަހު 1:00އިން 2:00އާ ހަމައަށް އިސްލާމް މާއްދާގެ ފޯރަމެއް ކުރިއަށް ގެންދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ސްކޫލުތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވާއިރު އެ މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތުގައިވެސް ދަރިވަރުންނަށް ފިލާވަޅުތައް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ "އިންޓްރެކްޓިވް ސެޝަންތައް" ކުރިޔަށް ގެންދެވޭނީ އެޑިއުޕޭޖާއި ގޫގުލް ކްލާސް ރޫމާއި ޓެޑް އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ހާއްސަ ކުރެވިފައިވާ ވެބް ޕޯޓަލްއާ ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އެ މިނިސްޓްރީން މިހާރު ތައްޔާރުވަމުން ގެންދަނީ އެ ގޮތަށް ދަރިވަރުންގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.