ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ކޮވިޑް19 ގެ އަލާމާތްތައް ފެންނަ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތްތަކެއް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ ކޮވިޑް19 އާ ގުޅިގެން ސަރުކާރު ނެރޭ އެކި އެލާޓުތަކުގައިވެސް ކަންކުރާނެ ގޮތްތަކާއި އެ އެލާޓުތަކުގައި ވެސް މުވައްޒަފުންގެ ކިބައިން ވައިރަހުގެ އަލާމާތްތަކެއް ފެންނަ ނަމަ އެކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައެވެ.
އެގޮތުން ރީނދޫ އެލާޓު ނެރެފައި ވަނިކޮށް އެއްވެސް މުވައްޒަފެއްގެ ގައިން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ނުވަތަ އެކަމެއް މުވައްޒަފަކު އެންގި ނަމަވެސް މުސާރައާ އިނާޔަތް ލިބޭ ގޮތަށް ހާއްސަ ޗުއްޓީއެއް ދިނުން ހިމެނެއެވެ. އަދި އެ ޗުއްޓީ ދެވޭނީ އާއްމުންގެ ތެރެެއަށް ނިކުމެ އުޅުމުގެ ހުއްދަ ކަމާބެހޭ އިދާރާއަކުން އެ މުވައްޒަފަކަށް އަންގަންދެނެވެ. މީގެއިތުރުން ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމުގައި ފިންގަޕްރިންޓް ޖަހާގޮތަށް ހަމަޖެހިފައި އޮންނަ ނަމަ އެކަން އެގޮތަށް ނުކޮށް ހިދުމަތް ދޭ ގޮތަށް ހަމަޖެއްސިދާނެއެވެ.
ލެވަލް ތިނެއް ނުވަތަ އޮރެންޖު އެލާޓުގެ ހާލަތު އިއުލާން ކޮށްފި ނަމަ އެލާޓް އިއުލާނުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އެ ސަރަހައްދެއްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވަކި ބަޔަކު މަސައްކަތަށް ނުނިކުމެ ތިބުމަށް މުސާރައާއި އިނާޔަތްތައް ހިނގާ ގޮތަށް ޗުއްޓީއެއް ހަމަޖައްސައި ދޭންޖެހެއެވެ. ނަމަވެސް އެއީ ވަކި އުމުރުތަކަކާއި އަދި ވަކި ހާއްސަ ބަލިތަކެއް ހުންނަ މީހުންނެވެ. އެގޮތުން އެފަދައިން ޗުއްޓީ ދޭންޖެހޭނީ ހިތުގެ ބައްޔާއި ފުއްޕާމޭގެ ބައްޔާއި ކެންސަރާއި ހަކުރު އަދި ލޭގެ ބަލިތަކަށް ފަރުވާ ހޯދާ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންނާއި އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށެވެ.
އެލާޓު ލެވެލް ހަތަރެއް ނުވަތަ ރަތް އެލާޓުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފި ނަމަ ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް މަސައްކަތަށް ނުނެރެ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެއެވެ. އަދި ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ގޭގައި ތިބެގެންވެސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭންޖެހެއެވެ.
ރާއްޖެއިން މިހާރުވެސް ވަނީ ކޮވިޑް19 ގެ 8 ކޭސްއެއް ފެނިފައެވެ. އަދި ރާއްޖެ އަށް ސަރުކާރުން ވަނީ ޔެލޯ އެލާޓު ނެރެފައެވެ. މީގެއިތުރުން އިއްޔެގެ ވަގުތެއްގައި ސަރުކާރުން ވަނީ ރާއްޖެއަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. މިއާއެކުގައި މިހާރުވެސް ބައެއް ކުންފުނިތަކުން އަންނަނީ އެ ކުންފުނިތަކުގެ މަސައްކަތްތަކާއި އާއްމުންނަށް ދޭ ހިދުމަތްތަކަށް ބަަދަލުތައް ގެންނަމުންނެވެ.