ދުނިޔޭގައި މިހާރު ހަލުވިކަމާ އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާ ގުޅިގެން ވަގުތީ ގޮތުން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ދަރިވަރުންނަށް ކިޔަވާ ދޭނީ ޕީއެސްއެމްއާއި ޔޫޓިއުބު ބޭނުން ކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ސްކޫލުތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވާއިރު އެ މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތުގައިވެސް ދަރިވަރުންނަށް ފިލާވަޅުތައް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެގޮތުން ދަރިވަރުންނަށް ފިލާވާޅު ލިބިގެން ދާނީ ޕީއެސްއެމްގެ ޗެނަލްތަކުންނާއި ޔޫޓިއުބު ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

އެޑިއުކޭޝަނުން ބުނީ "އިންޓްރެކްޓިވް ސެޝަންތައް" ކުރިޔަށް ގެންދެވޭނީ އެޑިއުޕޭޖާއި ގޫގުލް ކްލާސް ރޫމާއި ޓެޑް އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ހާއްސަ ކުރެވިފައިވާ ވެބް ޕޯޓަލްއާ ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އެ މިނިސްޓްރީން މިހާރު ތައްޔާރުވަމުން ގެންދަނީ އެ ގޮތަށް ދަރިވަރުންގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން އަންނަ އާދީއްތަ ދުވަހު ގްރޭޑު 10 އެއްގައި ކިޔަވާ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް ލިބިގެންދާނެ ކަމަށެވެ. އަދި އެހެނިހެން ގްރޭޑުތަކުގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ބުންޏެވެ.

ސްކޫލުތައް އެއް ހަފްތާއަށް ހުޅުވުން ފަސްކުރަން ސަރުކާރުން ނިންމީ ރޭގެ ވަގުތެއްގައެވެ. އެގޮތަށް ސަރުކާރުން ނިންމިއިރު މި ދަނޑިވަޅުގައި ސްކޫލުތައް އެއްކޮށް މި ދުވަސްވަރު ބަންދު ކުރުމަށް ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެގޮތުން ބައެއް ޖަމިއްޔާ ޖަމިއްޔާތަކުންނާއި ސިއްހީ މާހިރުން ވެސް އަންނަނީ ސްކޫލުތައް މި ދުވަސްވަރު އެއްކޮށް ބަންދު ކުރުމަށް ގޮވާލަމުންނެވެ.