ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން ރާއްޖެއިން ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތައް ހުސްވެދާނެތީ ރައްޔިތުން ހާސްނުވުމަށް މި ތަކެތި ރާއްޖެ ގެންނަ ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ބުނެފިއެވެ.

ކޮވިޑް19 އަށް އެސްޓީއޯ އިން ތައްޔާރުވެފައިވާ މިންވަރާއި ގުޅޭ ގޮތުން ނޫސްވެރިންނާއި ބައްދަލުކޮށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތައް އެސްޓީއޯއިން ލިބިގެންދާނެ ކަމަށާއި އެކަމުގައި ރައްޔިތުން ކަންބޮޑުނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ހެދުމަކީ އެސްޓީއޯގެ އަމާޒުކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެފަދަ ހާލަތަށް ދިޔަ ކަމަށްވީ ނަމަވެސް އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން ކަންކަން ކުރަމުން ދަނީ އެ ވައިރަހަކީވެސް ރާއްޖެ އަށް އައިސްދާނެ ރޯގާއެއް ކަމަށް ބަލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ މި ދަނޑިވަޅަކީ ހުރިހާ ގެއެއް "ކާޑު ގުދަނަކަށް" ހަދަންވީ ވަގުތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ކޮން ެ ސަރަހައްދަކުން ކޮވިޑް19 ބަލި ޖެހިފައިވާ މީހަކު ފެނުނު ނަމަވެސް އެސްޓީއޯއިން ރައްޔިތުންނަށް ދެމުން ގެންދާ އެންމެ އަސާސީ ހިދުމަތް [ކާޑުގެ ބާވަތް] ރައްޔިތުންނަށް ފޯރު ކޮށްދެމުން ގެންދާނެ ކަމަށެވެ.

އަމްރު ވިދާޅުވީ މާސްކާއި ސެނިޓައިޒާ ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް އެބަހުރި ކަމަށާއި އެސްޓީއޯ އިން އަންނަނީ ސެނިޓައިޒާ އާއި މާސްކު ބޭނުންވާ ވަރަށް ބަލައިގެން އެތެރެ ކުރަމުން ކަމަށެވެ. އަމްރު ވިދާޅުވީ ބަލި ރާއްޖެއަށް ފެތުރު ނަމަވެސް އެއްވެސް ދަތިތަކެއް ނެތި ބޭސްވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި އެކަމުގައި ދައްޗެއް ރައްޔިތުންނަށް ކުރިމަތި ނުވާނެ ކަމަށެވެ.