ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫއު ހިންގަމުން އަންކަން ރައީސް އޮފީހުން އާއްމުކުރި ތަފާސް ހިސާބުތަތަކުން ދައްކައިފިއެވެ.
ރައީސް އޮފީހުން ރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެކި މަރުހަލާތަކުގައި ވާ 547 މަޝްރޫއުއެއް އެބައޮތެވެ. އެގޮތުން މަސައްކަތް ނިމިފައިވާ 49 މަޝްރޫއުއާއު ހުއްޓިފައިވާ ހަ މަޝްރޫއުއެއް އެބައޮތެވެ. މަސައްކަތް ހުއްޓިފައިވާ ސަބަބެއް ހާމައެއް ނުކުރެއެވެ. މިހާރުވެސް 152 މަޝްރޫއެއް ހިނގަމުން ދާއިރު ޑިޒައިން ނިމިފައިވާ ހަ މަޝްރޫއެއްވާ ކަމަށް ރައީސް އޮފީހުގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. މީގެއިތުރުން ޑިޒައިން ކޮންސަލްޓަލްސީ މަރުހަލާގައި 44 މަޝްރޫއުއެއް އޮތްއިރު އީއައިއޭ މަރުހަލާގައި 73 މަޝްރޫއުއެއް އެބައޮތެވެ. ހަމައެއާއެކުގައި މިހާރުވެސް 49 މަޝްރޫއެއްގެ ސާވޭ ކުރިޔަށްދާ ކަމަށްވެސް ރައީސް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ވަކިވަކި މަޝްރޫއުތައް ކުރިޔަށް ގޮސްފައިވާ ހިސާބުތައް ވެސް ރައީސް އޮފީހުން ވަނީ އާއްމުކޮށްފައެވެ. އެގޮތުން 26 ބަނދަރެއް މިހާތަނަށް އެވޯޑު ކުރެވިފައި ވާއިރު 20 ބަނދަރެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ހަތަރު ބަނދަރެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ނިމިފައި ވަނީ ނ. މަގޫދޫއާ ވ. ކެޔޮދޫއާ މ. ނާލާފުށި އަދި ތ. މަޑިފުށި ބަނދަރުގެ މަސައްކަތެވެ.
ބޯހިޔާވަހިކަަމުގެ މަޝްރޫއުއަށް ބަލާއިރު ހދ. ނޮޅިވަރަމްފަރުގައި ގާއިމްކުރާ 60 ހައުސިން ޔުނިޓުގެ 80 ޕަސެންޓު ނިމިފައި ވާއިރު މ. ކޮޅުފުއްޓާއި ތ. ތިމަރަފުއްޓާއި ޅ. ނައިފަރުގައި ގާއިމްކުރާ 100 ހައުސިން ޔުނިޓުގެ 30 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ. ޅ. އޮޅުވެލިފުށީގައި އަޅާ ހައުސިން ޔުނިޓާއި ބ. ތުޅާދޫގައި ގާއިމްކުރާ ހައުސިން ޔުނިޓުގެ މަސައްކަތް ރައީސް އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަދި ނުފެށެއެވެ.
ފެނާއި ނަރުދަމާގެ 25 މަޝްރޫއުއެއް ޑިޒައިން އެންޑް ކޮންސަލްޓަލްސީގެ މަރުހަލާގައި ވާއިރު 23 މަޝްރޫއުއެއް ވަނީ އީއައިއޭ މަރުހަލާގައެވެ. މިހާރު އެވޯޑު ކުރެވިފައިވާ އެއް މަޝްރޫއު ވާއިރު ތިން މަޝްރޫއެއް ހިނގަމުން އެބަދެއެވެ. އަދި 15 މަޝްރޫއުއެއްގެ ސާވޭ ކުރިޔަށްދެއެއެވެ.
މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ތަފްސީލް ރައީސް އޮފީހުން ހާމަކުރި އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ އަލަށް 500 މަޝްރޫއުއެއް މިއަހަރުގެ ތެރޭގައި ކުރިޔަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.