ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދިފާއީ އަދި އިސްލާމީ ކަންކަމާ ގުޅޭ މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތަފްސީލު:
- ދިފާއީ ދާއިރާގެ އެއްބަސްވުން: ދެ ގައުމުގެ ސަލާމަތީ އަދި ދިފާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން ވެވުނު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ވަޒީރު ހަސަން ރަޝީދެވެ. މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޖޯހަރީ އަބްދުލް ގަނީއެވެ.
- އިސްލާމީ ކަންތައްތަކާ ބެހޭ އެއްބަސްވުން: ދީނީ ހޭލުންތެރިކަމާއި އިސްލާމީ ކަންކަމުގައި އެއްބާރުލުން ދިނުމަށް ވެވުނު މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި އެއްބަސްވުމުގައި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ވެސް މިނިސްޓަރު ޖޯހަރީ އަބްދުލް ގަނީއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން، މެލޭޝިއާގެ ބޮޑުވަޒީރަށް ވަނީ ޖުމްހޫރީ މައިދާނުގައި ރަސްމީ އިއްޒަތުގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ޝަރަފުގެ ގާޑެއް އެރުވުމުގެ އިތުރުން، 21 ބަޑީގެ ސަލާމެއް ވެސް ވަނީ އަރުވާފައެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.
