ސިއްރު ހެއްކާއި ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ހައިކޯޓުން އެގޮތަށް ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. އެ ހުކުމްގައިވާ ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނު މިހާރު އޮތް ގޮތުން ސިއްރުން ހެކިބަސް ނެގުމުގެ ބާރު ކޯޓުތަކަށް ލިބޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށެވެ. ނަމަވެސް ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ނެތް ކަމަށް ހުކުމްގައިވެއެވެ. ހެއްކާބެހޭ ގާނޫނަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ގާނޫނެކެވެ. އަދި މިއަދާއި ހަމައަށްވެސް އެ ގާނޫނަށް އެއްވެސް އިސްލާހެއް އައިސްފައެއް ނުވެއެވެ.

އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓުން ގާނޫނު މާނަކުރި ގޮތް ރަނގަޅު ނޫން ކަމަށް ބުނެއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ އިއްޔެއެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ބުނާ ގޮތުން، ސިއްރު ހެކި ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. ނަމަވެސް، 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނޯވެއެވެ.