ދިރާގުގެ އާންމު ހިއްސާދާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ދިރާގުން މިއަދު ބުނީ އެކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ދިރާގު ބޯޑަށް ކުރިމަތިލާ ފަރާތްތައް މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ މަގާމަށް އަންހެނުން ކުރިމަތިލުމަށް ބާރު އަޅާ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔެކިއުންތައް އަންނަ މަހުގެ 10ވަނަ ދުވަހާއި ހަމައަށް އެކުންފުނިން ލިބެން ހުންނާނެ ކަމަށެވެ.

ދިރާގުގެ އާންމު ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތަކީ ބައިނަލްއަގުވާމީ ޔުނިވަސިޓީއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ދިރާގުގެ ހިއްސާދާރެއް ކަމުގައިވުމާ އެކު ކުންފުންޏެއްގައި 10 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ނުވަތަ ކުންފުންޏެއްގެ ބޯޑެއްގައި މަސައްކަތް ކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

މީގެއިތުރުން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނީގެ ބޯޑް މެންބަރަކަށް މި މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ. މާލީ ލިޔެކިޔުންތައް ބަލައި ދިރާސާކުރަން އެނގޭ ފަރާތްތަކަށް ވާންޖެހޭއިރު ޑިރެކްޓަކަމުގެ ދައުރުގައި ކުންފުނީގެ ޖުމްލަ ހިއްސާގެ 0.5 ޕަސެންޓަށް އަށްވުރެ ގިނަ ހިއްސާ މިލްކު ކުރެވިފައިވާ ފަރާތެއްކަމުގައި ވެގެން ނުވާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރާފަދަ ވިޔަފާރީގެ ނުވަތަ ޕްރޮފެޝަނަލް ގުޅުމެއް ކުންފުންޏާއެކު އޮންނަ ފަރާތެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ކުންފުނީގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރެއްގެ ގޮތުގައި ނުވަތަ ނޮން-އެގްޒެކެޓިވް ޗެއާޕާސަންއެއްގެ ގޮތުގައި ނުވަތަ ކުންފުނީގެ މެނޭޖަރެއްގެ ގޮތުގައި ނުވަތަ ކުންފުނީގެ ވަޒީފާއެއްގައި ފާއިތުވި ތިން އަހަރު މަސައްކަތްކޮށްފައިވާ ފަރާތަކަށްވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި ބޯޑުގެ މެންބަރެއް، މެނޭޖަރެއް ނުވަތަ ކުންފުނީގެ މައި ހިއްސާދާރަކާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮތް ފަރާތަކަށްވެސް ދިރާގުގެ އާންމު ހިއްސާދާރު ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.