ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގުޅުއްވާފައި ޝަކުވާ ކުރައްވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

މިރޭ ލީކްވި އެ އޯޑިއޯގައި މިނިސްޓަރު ނަހުލާ ވަނީ އަލީ ވަހީދު ކަންތައް ކުރެއްވި ގޮތުން އޭނާއަށް ކުރައްވާ އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ހާއްސަކޮށް ނަހުލާއަށް ގުޅުއްވައިގެން ފޯނު ސްޕީކަރަށް ލައްވައިގެން ހުންނެވުމުން ނަހުލާ ހުންނެވީ ވަރަށް ބޮޑަށް ކޯފާ ވެ ވަޑައިގެންފައި ކަމަށްވެސް ވިދާޅުވެއެވެ. އަދި އަލީ ވަހީދު އެގޮތަށް ކަންތައް ކުރެއްވީ ކީއްވެގެންތޯ ތަކުރާރުކޮށް ސުވާލު ކުރެއްވިއެވެ. އެ ހުރިހާ ފަހަރެއްގައިވެސް އަލީ ވަހީދު ވިދާޅުވަމުން ގެންދެވީ އެ އޯޑިއޯއަކީ ހަދައިގެން އުޅޭ އޯޑިއޯތަކެއް ކަމަށާއި އެއީ ފޭކް އޯޑިއޯއެއް ކަމަށެވެ.

ނަހުލާ ވަނީ އަލީ ވަހީދާއި އޭނާ ދެއްކެވި ވާހަކަތައް އެވަގުތު އަލީ ވަހީދު އަރިހުގައި ތިބި މީހުނަށް އަޑުއިވޭހެން ފޯނު ސްޕީކަށް ލައްވާފައި ހުންނެވީ ކީއްވެގެންތޯއާއި އެގޮތަށް ކަންތައް ކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

ނަހުލާ ދެއްކެވި ހުރިހާ ވާހަކައަކަށް އަލީ ވަހީދު އިންކާރު ކުރައްވާ އަޑު އޯޑިއޯއިން އިވެއެވެ. ނަމަވެސް އަލީ ވަހީދަކަށް ނަހުލާ ދުލެއް ނުކުރައްވައެވެ. ނަހުލާ ގެންދެވީ އަލީ ވަހީދު އަރިހުގައި އެކަމުގެ ޝަކުވާތައް "އޮއްސަމުން" ނެވެ. ނަހުލާ ވިދާޅުވީ އޯޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރުވެސް އެކަމަށް އަލީ ވަހީދު އިންކާރު ކުރައްވަނީތޯއެވެ.

ނަހުލާ ހިތްހަމަޖެހިވަޑައިނުގަން އަނެއް ކަމަކީ އަލީ ވަހީދާއި ނަހުލާގެ ފޯނު ކޯލު ނިންމާލުމަށް ފަހު ނަހުލާއާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެވެ. އަދި އަލީ ވަހީދުގެ އެ އަމަލުތަކުގެ ސަބަބުން ނަހުލާ، އަލީ ވަހީދަށް ކުރެއްވި އިތުބާރު ގެއްލިއްޖެ ކަމަށް ތަކުރާރުކޮށް ނަހުލާ ވިދާޅުވެއެވެ. މީގެއިތުރުން ނަހުލާ ވަނީ އޭނާއަށް އަލީ ވަހީދު ގުޅުއްވައި "ފްލާޓު" ކުރެއްވި ދުވަސް ވަރަށް ރަނގަޅަށް ހަނދާނުގައި ހުރި ކަމަށް ވިދާޅުވެފައެވެ.

ލީކު ވަމުން އަންނަ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއްތޯ ނުވަތަ ނޫންތޯ މީހުން ސުވާލު އުފައްދި ނަމަވެސް އަލީ ވަހީދާއި ނަހުލާއަށް އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެއެވެ.

މިރޭ ލީކް މިވީ ހަތްވަނަ އޯޑިއޯ ކްލިޕެވެ. މީގެކުރިން ލީކްވި އޯޑިއޯ ކްލިޕުތަކުގައި މިނިސްޓަރު ނަހުލާގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ހުތުރު ބަސްތައް އަލީ ވަހީދު ވިދާޅުވާ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ. ލީކްވެފައިވާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އަލީ ވަހީދު ވަނީ ދެ ފަހަރެއްގެ މަތިން ޓްވީޓާގައި ވިދާޅުވެފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ގޮވާލެއްވިއެވެ. އަލީ ވަހީދު އެފަދައިން ގޮވާލެއްވިއިރު ލީކްވި އޯޑިއޯތަކުގެ ތެރެއިން އޯޑިއޯއެއްގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭތީ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ.