މިއަދު ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ދައުލަތް ހިނގަމުން ދަނީ ތިން ބާރަށް ގާނޫނުން ލިބިފައިވާ ފުރިހަމަ މިނިވަންކަމުގެ ތެރެއިން އިހުލާސްތެރި ތެދުވެރި ނިޔަތެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، އެކަމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.

ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދީ ހިމާޔަތް ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފަނޑިޔާރުން ކަމަށާއި އަމިއްލަ ފަރުދަކުވިއަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ކަމުގައި ވިއަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައި އޮންނަނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ދައުލަތް ހިނގަމުން މިއަންނަނީ، ދައުލަތުގެ ތިން ބާރަށް ގާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، އަޅުގަނޑުމެން ނުކުރަން. އަދި ކުރުމުގެ ވިސްނުމެއްވެސް އަޅުގަނޑުގެ ނެތް
ރައީސް

ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ފަނޑިޔާރުގެ އިސްލާހު ކުރަމުން ދަނީ އިހުލާސްތެރި ތެދުވެރި ނިޔަތެއްގައި ކަމަށެވެ. އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ހައްގެއް، ބަޔަކު ނިގުޅައިގަތަސް ފަނޑިޔާރުގެއިން އެ ހައްގެއް އަނބުރައި ހޯދައިދޭނެ ކަމުގެ އިތުބާރާއި ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މުޖުތަމައުގައި ހުރި ގިނަ އަދަދެއްގެ އިޖުތިމާއީ މައްސަލަތަކަށް ހައްލު ގެނައުމުގައި ކޯޓުތަކުގެ މުހިންމު ރޯލެއް އެބަ އޮތް ކަަމަށާއި އެގޮތުން މި ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅުމުގެ ފަހި މާހައުލެއް ހުޅުވި އެފަދަ މައްސަތައް އިތުރުވަމުންދާ ކަމަށްވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދީ އަދުލު އިންސާފު ގާއިމު ކުރުމަކީ ހަމައެކަނި ފަނޑިޔާރުގެއާއި ފަނޑިޔާރުންނާ ހަމައިން ނިމޭ ކަމެއް ނޫން ކަމަށާއި ތަހުގީގު މަރުހަލާގެ ކަންކަން ފުރިހަމަކޮށް އަވަސް ކުރުމަކީވެސް އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދައުވާ ކުރާ މުއައްސަސާއިންވެސް އެކަމުގައި މުހިންމު ދައުރެއް އަދާ ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.