ހިދުމަތެއް ހޯދަން ޖެހިއްޖެ ނަމަ ޑިފެންސް މިނިސްޓަރަށް ގުޅައިގެން ކަންކަންކުރާ އުސޫލު ބަދަލުކޮށް ނިޒާމުގެ ތެރެއިން މިހާރު ހިދުމަތް ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަރުކާރެއް ދެމި އޮންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ ވުޒާރާއެއްގެ ވަޒީރު "ހެޔޮފުޅު" ކަމުން ކަންކަން ކޮށްދިނުމުގެ އުސޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި އެކުގައި މާޒީވެގެން ހިނގައްޖެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ސިފައިންގެ މުއައްސަސާގެ ގާބިލްކަން މިހާރަށްވުރެ އިތުރުކުރަން ފެށި ކޮމާންޑާސް ކޮންފަރެންސްގައި އިއްޔެ ވާހަކަދައްކަވަމުންވެސް މާރިޔާ ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ އެކަމަނާ ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ރައީސްގެ ވައުދުތަކާ އެއްގޮތަށް ސިފައިންގެ މުއައްސަސާއަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއި އިތުބާރު ލިބިފައިވާ ތަނަކަށް ހެދުން ކަމަށެވެ. ރައްޔިތަކު ކޮންމެ ތަނެއްގައި ހުރެފައި ވެސް ސިފައިންގެ މުއައްސަސާ އިން ހިދުމަތެއް ބޭނުންވެއްޖެ ނަމަ ކުރިން ދިމާވާ ތަކުލީފްތައް މިހާރު ކުޑަވާނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.
ދެ ވަނަ އަމާޒެއްގެ ގޮތުގައި އިސްކަން ދެއްވީ، ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ހަތިޔާރާއި އުޅަނދުތަކާއި ވަސީލަތްތައް ހޯދުމަށް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތަށް ވެސް ކުރިއެރުންތަކެއް ލިބުނު ކަމާއި އޭގެތެރޭގައި ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.