ހުޅުމާލޭގެ ރެޑްބުލް ޕާކް ތެރޭގައި ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރި "ބީޗް ވޮލީ ޓްރެއިނިން ކޯޓް" އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީ ކޮށްފައި ވާ ކޯޓެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ އެ ކޯޓަކީ މީގެ ދެ އަހަރު ކުރިން ރައީސް ޔާމީން ތަރައްގީ ކުރައްވައިފައިވާ ކޯޓެއް ކަމަށެވެ.

އަދި މި ސަރުކާރުން ވެލިކޮޅެއް އެޅުން ފިޔަވާ އިތުރު ކަމެއް ނުކުރާ ކަމަށާއި މި ސަރުކާރަކީ "ރިބަން ކަނޑަން" ކުޅަދާނަ ސަރުކާރެއް ކަމަށެވެ.

އިއްޔެ ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަދި ރައީސާއި މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވާ ޓީމާއި ގައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޝިއުނާޒް އަހުމަދު އަދި އަހުމަދު އުލީ ހިމެނޭ ޓީމާއެކު ވޮލީމެޗެއް ވެސް ވަނީ ކުޅެފައެވެ.

ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް އިއްޔެ ހުޅުވި ބީޗް ވޮލީ ކޯޓަކީ، މީގެ ކުރިންވެސް މުބާރާތްތައް ބޭއްވުމަށް ބޭނުންކުރި ކޯޓެކެވެ.