ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހޯދި ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓާ ހަރު ކުރުމުގެ ހަރަކާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާއި އެކީގައި ސަރުކާރަށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމުގެ ރޫހުގައި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައްޔިތުން ތިބީ ހަމަ އެ މިސްރާބަށް ދަތުރުކުރަން ވިސްނައިގެން ކަމަށް. އެހެންކަމުން އަޅުގަނޑަށް ގަބޫލުކުރެވޭ އެއަށް ވުރެ [މަޖިލިސް އިންތިހާބަށް ވުރެ] ބޮޑުކޮށް މިފަހަރު [ކައުންސިލް އިންތިހާބު] އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕޯސްޓަރުތައް ހަރު ކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވީވެސް ރައީސް ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންނެވެ. މިއީ ސިޔާސީ ޕާޓީއަކުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއް ފެއްޓި ފުރަތަމަ ހަރަކާތެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެބޭފުޅުން ޕޯސްޓަރު ހަރު ކުރައްވަމުން ގެންދެވީ އެމްޑީޕީ ހަރުގެ ކައިރީގައެވެ. ހެނދުނުގެ ސައި ފޮދަކަށްފަހު ފެއްޓި މި ހަރަކާތް މުޅި ރާއްޖޭގައި އެއް ވަގުތެއްގައި ކުރިޔަށް ގެންދާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.