ކޮވިޑު-19 ފެތުރެން ފެށިފަހުން ޗައިނާއަށް ދަތުރުކޮށްފައިވާ ކަމުގެ ރެކޯޑު އޮތުމުން ރާއްޖެއިން ކަރަންޓީނުކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.
ރާއްޖެއިން ކަރަންޓީން ކުރީ ޖުމްލަ ތިން މީހުންނެވެ. އެމީހުން ކަރަންޓީނު ކުރީ ޑަބްލިއުއެޗްއޯއިން ކަނޑައެޅި މުއްދަތުގައި ޗައިނާއިން ވައިރަސް ފެނިފައިވާ ސިޓީއަކަށް ދަތުރުކުރި ފަރާތަކައް ވުމުންނެވެ. ހެލްތު މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރު ކުރުމަށް ކަރަންޓީން ކުރި 3 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.
މި ތިން މީހުން ކަރަންޓީން ކޮށްފައި ބެހެއްޓީ ފަރުކޮޅު ފުށީގައެވެ. އަދި އެ މީހުންގެ ގައިގައި ވައިރަސްގެ އަސަރު ނެތްކަން ކަށަވަރުކުރުމަށް ޓެސްޓް ހަދާފައިވާ އިރު، މިހާތަނަށް 2 މީހެއްގެ ޓެސްޓް ނަތީޖާ ވަނީ ލިބިފައެވެ. އަދި އެ ދެމީހުން ބައްޔަށް ނެގެޓިވްކަން ވަނީ ކަށަވަރު ކުރެވިފައެވެ.
ހެލްތު މިނިސްޓްރީން ބުނ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނާތީއާ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާތީ ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޗައިނާގެ އެއްވެސް ފަތުރުވެރިއަކަށް ރާއްޖެ އައުން މަނާކޮށްފައިވެއެވެ. އަދި އެއާޕޯޓުތަކުގައި ތާމަލް ކެމެރާތައް ވެސް ވަނީ ހަރުކޮށްފައެވެ.