އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދާއި އެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބުނެފިއެވެ.

އަދުހަމް ވަނީ މީގެކުރިން ފުލުހުންގެ ތަހުގީގު ބަޔާނުގައިވެސް ގާސިމް ހަސަން މަރާލި ކަމަށް އެއްބަސްވެ އިއުތިރާފުވެއެވެ. ފުލުހުން މީގެކުރިން ބުނީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލާ ދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ޕީޖީއާއެކު އަދުހަމް އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް ޕީޖީން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ބައެއް ހެކިންވެސް ހުށަހަޅާފައެވެ. ނަމަވެސް ބައެއް ހެކިން ސިއްރު ކުރުމަށް ދައުލަތުން އެދުނެވެ. އަދި ޝަރީއަތުން ވަނީ އެކަމުގެ ވަގުތީ އަމުރުވެސް ނެރެދީފައެވެ.

ދައުލަތުން ވަނީ މި މައްސަލައާ ގުޅިގެން އަދުހަމްއާ އެކު ދައުލަތުން އިއުތިރާފު ބަޔާނެއްގައި ސޮއިކޮށްފައިވާތީ މައްސަލަ އަވަސް ކޮށްދިނުމަށް އެދޭ ކަމަށެވެ. ދައުލަތުން ވަނީ މައްސަލާގައި އަދުހަމްއަށް ވަކީލަކު ވެސް ހަމަޖައްސައި ދީފައެވެ. އެ މައްސަލާގައި އަދުހަމްއަށް ބަޔާންތައް ލިބިފައިވީ ނަމަވެސް އަދުހަމްގެ ވަކީލަކަށް އެ ބަޔާންތަކެއް ނުލިބެއެވެ. އެހެންކަމުން މިއަދު ޝަރީއަތްތައް ކުރިޔަކަށް ނުދެއެވެ.

މައްސަލާގައި މާދާމާ އިތުރު ޝަރީއަތެއް ބާއްވާނެއެވެ. މިއަދުގެ އަޑުއެހުމަށް ގާސިމްގެ އާއިލާ މީހުންވެސް ވަދެފައިވެއެވެ. ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރުކުރީވެސް ހަމަ އެ މަހުގެ 19ވަނަ ދުވަހުއެވެ.