އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ކުށަށް އިއުތިރާފްވެ ފަހުން އިންކާރުކުރީ ޖަލުގައި ގައިދީން ބިރު ދައްކާތީ ކަމަށް އޭނާ ބުނެފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމް މިއަދު ބުނީ ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުންމުންކަމަށެވެ. ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އޭނާ މިއަދު ވަނީ ބުނެފައެވެ.
އަދްހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މިއަދުވެސް މާއާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭކަމަށްވެސް އެނާ ވަނީ ބުނެފައެވެ.
ދައުލަތުން ވަނީ އަދުހަމާއި ދެކޮޅަށް ސިއްރު ހެއްކަކާއި އިތުރު ހެކިންގެ އިތުރުން ބައެއް ފުލުހުންގެ ނަންވެސް ހުށައަޅާފައެވެ. މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނަގާގޮތަށް ކަނޑައެޅުމަށްފަހުއެވެ.
މީގެ ކުރިން ތަހުގީގު މަރުހަލާގައިވެސް އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އޭރު ވަނީ އެއްބަސްވެފައެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.
އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން ޑިސެމްބަރު 4، 2019 ގައެވެ.
ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތް ކޮށްފައި ވާއިރު، އޭނާއަށް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އަދުހަމް ފުލުހުންނަށް ދީފައިވާ އިއުތިރާފުން އެނގެއެވެ. ގާސިމްގެ ކާރަށް އަދުހަމް އެރީ ފޭރުމަށް ކަމުގައި ވިޔަސް، ގާސިމަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އެ ކުރެވުނީ މާ ބޮޑު ކުށެއް ކަން އިހުސާސްވެ، އިތުރަށް ފޭރެން މަސައްކަތް ނުކޮށް، އަދުހަމް ވަނީ އެ ސަރަހައްދުން ފިލާފައެވެ.
ނަމަވެސް މައްސަލަ ކޯޓާ ހަމައަށް ގޮސް، ޝަރީއަތުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އިންކާރު ކޮށްފައެވެ. އަދުހަމް ބުނެފައި ވަނީ ކުރިން އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރު ކުރަނީ ފުލުހުން އޭނާއަށް މަސްތުވާ އެއްޗެހި ދީގެން މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި އަދި އޭނާ މަރާލަން ބޭނުން ކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން، މަގުގެ ކައިރީގައި ހުރި ގަސްތަކުގެ ތެރެއިން ހޯދާފައެވެ. އަދި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް އެނެލައިޒްކޮށް، ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ވެސް ދެނެގެންފައެވެ.