އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލު ކޮށްފިއެވެ.

މާދަމާ އަދުހަމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މެންދުރުފަހު 2 ޖަހާއިރަށެވެ. އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން ޑިސެމްބަރު 4، 2019 ގައެވެ. މީގެ ކުރިން ތަހުގީގު މަރުހަލާގައިވެސް އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އޭރު ވަނީ އެއްބަސްވެފައެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުންމުން ކަމަށާއި ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އަދުހަމް ވަނީ ބުނެފައެވެ. އަދްހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭކަމަށްވެސް ބުނެފައެވެ.