ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ ތަހުގީގު ނިންމާ އަދުހަމްގެ މައްޗަށް ދައުވާކޮށް، މައްސަލަ ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އިން ބުނީ އެ މައްސަލަ އިއްޔެ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް އުފުލާފައި ވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށް، ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު 21،އެވެ. ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދެވުނު ކަމަށް ބުނެ ތަހުގީގުގައި އަދުހަމް ވަނީ ކުށަށް އެއްބަސްވެފައެވެ.

ކުށުގެ ރެކޯޑް އޮންނަ އަދުހަމް ފޭރެން އުޅުމުގެ ތެރޭގައި ގާސިމް މަރުވީ އޭނާ ހަޅޭއްލަވަން ފެށުމުން އޭނާގެ ކަރަށް ވަޅި ހެރިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.