މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ "ކޯސްޓު ކިރު ދަޅެއް" ވަރުގެ ޖާގައެއްގައި ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވިއެވެ،

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެއްވެސް ސަރުކާރަކުން އަޅާލާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ޒޯނުން މާލެ ރައްޔިތުންނަށް މި ސަރުކާރުން ބިން ދޫކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ވައުދު ފުއްދަވާނެ ކަމަށެވެ.

ހުސެއިން ވިދާޅުވީ، މާލޭގެ ރައްޔިތުންނަކީ އެއިރެއްގައި އުޅެންޖެހޭ ގޮތަކަށް އުޅޭނެ ބައެއް ކަމަށެވެ. އެމީހުންނަކީ ކިޔަމަންތެރި، "ބަސްއަހާ" ފަހުރުވެރި ބައެއް ކަމަށާއި އެހެންނަމަވެސް ދުވަހަކުވެސް މާލޭގެ ރައްޔިތުންނަށް ރަނގަޅު ގޮތްތައް ވެގެން ނުދާކަން ހުސެއިންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގެ ރައްޔިތުންގެ ދިފާއުގައި ވާހަކަދައްކާނެ އެއްވެސް ފަރާތެއް ނެތްކަން ފާހަގަކުރައްވާ ހުސެއިން ވިދާޅުވީ މާލެއިން ބިން ހިއްކާ ކޮންމެ ފަހަރަކު އެ ބިންކޮޅު ލިބެނީ ރާއްޖެތެރޭ ރައްޔިތުންނަށް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން މާލެއިން ކުދި ބިންކޮޅު ލިބިފައިވާ ފަރާތްތައް އެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ވަނީ މީގެކުރިން ވަނީ ދީފައެވެ. ނަމަވެސް ހުޅުމާލެއިން ބިން ލިބިފައިވާ ކަމަށް ބުނެ ލިޔުން ލިބިފައިވާ ބައެއް ފަރާތްތަކަށް އަދިވެސް ބިން ލިބޭ ގޮތް ނުވުމުން މާލެ ސިޓީ ކައުންސިލާއި އެމްޑީޕީ މަޖިލިސް މެންބަރުން ދާދިފަހުން ވަނީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި ލިޔުން ލިބިފައިވާ ފަރާތްތަކަށް އަލުން ބިންކޮޅު ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް އެޗްޑީސީން ވަނީ އެ ބައްދަލުވުމުގައި ބުނެފައެވެ.