ޖެންޑާ މިނިސްޓަރުގެ މަގާމުން މިދިޔަ ހަފްތާގައި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުން އެމަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ ކުރެއްވީ ރައީސް ސޯލިހުގެ ކުރިފުޅުމަތީގައެވެ. އެކަމަނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އެކަމަނާ ވަނީ 2005 އިން 2008 އަށް ޖެންޑާ މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. އަދި އިޖްތިމާއީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ހިދުމަތްތަކެއް އެކަމަނާ ވަނީ ކުރައްވާފައެވެ. މީގެ ތެރޭގައި ތައުލީމާއި، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑާ އީކުއަލިޓީ ކައުންސިލްގެ ޗެއާޕާސަން ކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑާ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވާނިން ބޯޑުގެ ޗެއާޕާސަން ކަމާއި، ކައުންސިލް ފޯ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއާޕާސަން ކަމާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

އައިޝަތު މުހައްމަދު ދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓާ އޮފް އާޓްސް ހާސިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެކަމަނާ ވަނީ ލުބުނާނުން ބެޗްލާ އޮފް އާޓްސް އާ ޑިޕްލޮމާއިން ޓީޗިންގެ ވެސް ހާސިލުކުރައްވާފައެވެ.