ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެކުދިން ފެންނަ އެއްވެސް ކަހަލަ ވީޑިއޯއެއް އަދި ފޮޓޯއެއް ވެސް އާންމު ނުކުރުމަށް ޖެންޑާ މިނިސްޓްރީއާ ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުންނާއި ޖެންޑާއިން މިގޮތަށް އެދިފައި މިވަނީ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގެއެއްގެ ބެލްކަނީގައި ތިބެގެން އުމުރާ ނުގުޅޭ އަމަލުތަކެއް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ފުލުހުންވެސް އަދި ޖެންޑާއިންވެސް ވަކި ވީޑިއޯއެއް އަދި ފޮޓޯއެއްގެ ވާހަކަ ބުނެފައެއް ނުކުރެއެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭނެ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިޒް ކުރުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށާއި، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1412 އަށް ގުޅުއްވައި ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ ވީޑިއޯތައް ރިކޯޑްކޮށް އާންމުންނަށް ފެންނާނެހެން ސޯޝަލް މީޑިއާއަށް ދޫކުރުމުގެ ބަދަލުގައި، އެފަދަ ކަމެއް ސީދާ ފުލުހުންނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެފަދަ ވީޑިއޯތައް އާންމުވުމުގެ ސަބަބުން ކުއްޖާއަށްވެސް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނާއި ޖެންޑާއިން މިފަދައިން އިލްތިމާސް ކޮށްފައި ވާއިރު މި ދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރާލެއް އިތުރުވެފައިވާ ދުވަސްވަރެކެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ އެފަދަ ކަންކަމުގެ ޝިކާރައަކަށް ވެފައި ތިބޭ ކުދިންގެ ފޮޓޯއާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.