އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުުހުން މިރޭ ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ފިހާރައެއްގެ ސޭޓަކަށް އިންދާ، އެ ފިހާރައަށް ދިޔަ މީހެއް އެ އަންހެން ކުއްޖާއާ މެދު ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ފުލުހުން ސީރިއަސް ކޮށް ބަލަމުންދާ މައްސަލަ އެއްކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިންގި އަތޮޅާއި ރަށް ހާމަ ކުރެވެން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. މިކަން އިތުރުވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް އެކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވުުމާއި ގުޅިގެންނެވެ. މި މައްސަލާގައި ކުއްޖާގެ ކާފައާ މުނިކާފަ ހައްޔަރުކޮށްފައިވާއިރު އިހުމާލުވުމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ.