ކީރިތި ގުރްއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަދަން އެެއްވެސް އިރެއްގައި ވިސްނާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އާ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެން ދިއުމާއެކު ގްރޭޑް 1 އިން 10 އާ ހަމައަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް ހަތަރެއް މުޅިން އަލަށް ތަންފީޒު ކުރެވިގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ގުރުއާން ގްރޭޑް 9 ގައި ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އަދި މިއަހަރު ގްރޭޑް 10 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދެމުން ދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކީރިތި ގުރުއާން ހުރިހާ ދަރިވަރުންނަށް ކިޔަވައި ދިނުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އަދި ކީރިތި ގުރުއާން އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެ މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، ހުލްގު ހެޔޮ ދަރިވަރަކަށް ހެދުމަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ މި އަހަރުން ފެށިގެން އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ، އެކަން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއް ހަދަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.