ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެއް އަހަރު ވަންދެން އެއްވެސް ވަރަކަށް ޝަރީއަތް ފަށާފައި ނުވާ މައްސަލަތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަށައިފިއެވެ.
އެ ކޮމިޝަނުން ބުނީ ކޯޓުތަކުގައި މައްސަލަތައް ލަސްވާ ކަމުގެ ޝަކުވާތަކަކީ އެންމެ ގިނައިން އެ ކޮމިޝަނަށް ލިބެމުން އަންނަ މައްސަލަތައް ކަމަށެވެ. އެހެންކަމުން އެއް އަހަރު ވަންދެން ކޯޓުތަކުގައި ނުހިނގާ އޮތް މައްސަލަތަކުގެ ތަފްސީލް ހޯދުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި އެދިފައިވާ ކަމަށެވެ.
ޖޭއެސްސީން މިފަދައިން ޑީޖޭއޭގައި އެދިފައިވާއިރު ދާދިފަހުން އެ ކޮމިޝަނުން ވަނީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަސް އަރުވާލައިގެން ނިންމާތީވެ އެކަން ހައްލު ކުރުމަށް ޑީޖޭއޭގައި އެދިފައެވެ.
އެކަން އެގޮތަށް ކުރުމަށް ޖޭއެސްސީން ޑީޖޭއޭގައި އެދުނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމުގެ ނިޔަތުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާ ކަމުގެ ޝަރަފު ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްގައި ކޯޓުގައި މައްސަލަތައް ނުބޭއްވުމުގެ ނިޔަތުގައި "އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް" ސިވިލް ކޯޓުގައި ބައެއް ފަނޑިޔާރުން މައްސަލަތައް ބަލާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޖޭއެސްސީން އަންނަނީ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަަކެއްވެސް ބަލަމުންނެވެ.