މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ އެންމެ ފަހުގެ ރައީސް، ސަރަނގު އާދަމް މަނިކަށް މިހާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ޝިފާ މުހައްމަދު ފާޑު ވިދާޅުވެއްޖެއެވެ.

ޝިފާ ފާޑު ވިދާޅުވެފައި މިވަނީ ވަރުގަދަ ކައްޕިއެއް އެބަހުރި ކަމަށާއި މިހާރު ބޭނުން ވަނީ ސަރަނގެއް ކަމަށް ސަރަނގު އާދަމް މަނިކު ވިދާޅުވުމާ ގުޅިގެނެވެ.

އެކަމަށް ފާޑު ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ޝިފާ ފުރަތަމަ ވެސް ކުރިމަތި ކުރެއްވީ ސުވާލެކެވެ. އޭނާ ވިދާޅުވީ ފުރަތަމަވެސް އިސްތިއުފާ ދެއްވީ ކީއްވެގެންތޯއެވެ. ބަޑި ބެހެއްޓީމަ ކަމަށް ވިދާޅުވި ކަމަށެވެ.

"ފިރިހެނަކަށްވެފަ ގަދަ ކަނޑުގައި ހިފަހައްޓާ ނުލެވުނު، އަޅުގަނޑު މިހުރީ ސާބިތުކަމާއެކު ބޮޑެތި ކޮޅިގަނޑު އަންނަ އިރުވެސް،" ޝިފާ ވިދާޅުވިއެވެ.

މާލެ ސިޓީގެ ފުރަތަމަ މޭޔަރުކަން ކުރެއްވި ސަރަނގު އާދަމް މަނިކު، އެމަގާމުން އިސްތިއުފާ ދެއްވީ ކުޑަ ދުވަސްކޮޅަކު އެމަގާމުގައި ހުންނެވުމަށް ފަހުއެވެ. އޭގެ ކުރިން މާލޭ މުނިސިޕަލްޓީގެ ރައީސްންވެސް ކުރެއްވިއެވެ. މާލޭ ސިޓީގެ މޭޔަރު ކަމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައިވެސް ހުންނެވިއެވެ. އޭގެ ފަހުން ރައީސް މުހަންމަދު ވަހީދުގެ އެޑްވައިޒަރުކަން ވެސް ކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އެންމެ ވާދަވެރިކޮށް ފެނިގެން މިދަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމެވެ. އެމަގާމަށް މިހާތަނަށް ޝިފާ އަދި ސަރަނގު އާދަމް މަނިކުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު މެދު ދާއިރާގެ މެންބަރު އަހްމަދު ނިޔާޒު ވެސް އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރުގެ ޓިކެޓަށް ވާދަ ކުރައްވައެވެ.

މީގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގައި ހުންނެވި މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.