މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކޮނޑޭ ރައްޔިތުން ވޯޓް ލީ 3 ފޮށްޓެއް އަލުން ގުނައިގެން އިލެކްޝަން ކޮމިޝަނުން އާންމުކުރި ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮނޑޭ ކައުންސިލް އިންތިހާބު 3 ވޯޓު ފޮށި ގުނުމަށް ހައިކޯޓުން އިއްޔެ ވަނީ އީސީއަށް އަމުރުކޮށްފައެވެ. އެއީ ނަންބަރު ޕީޓީ.6 ވޯތުފޮއްޓާ، ނަންބަރު ޕީ7.1 ވޯޓުފޮއްޓާ އަދި ވައިޓީ.10 ނަންބަރު ވޯޓުފޮއްޓެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ އިންތިހާބު ބާތިލުކުރަންޖެހޭފަދަ ހާލަތެއް މެދުވެރިވެފައިނުވާކަމަށާ ނަމަވެސް އެރަށުގެ ވޯޓުފޮށި އަލުން ގުނަން ޖެހޭ ކަމަށެވެ.

ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު މުހައްމަދުދީދީ، ހައިކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ސައްހަ ވޯޓް ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާ، އަދި ބާތިލު ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ތުހުމަތުކޮށެވެ.

މި މައްސަލަ ކޯޓަށް ހުށައަޅަމުން ޝުއައިބު ފާހަގަކުރައްވާފައިވާ ދެ ކަމަކީ، ގއ. ކޮނޑޭ ވޯޓުފޮށީގެ ވެރިއަކަށް ހުންނެވި ފަރާތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފުވިކަމަށްބުނާ މައްސަލައަކާ ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގަވާއިދާ ހިލާފަށް ވޯޓު ގުނައިފައިވާކަމަށް ބުނާ މައްސަލައެވެ.

މި ވޯޓުފޮށި ގުނަން ހައިކޯޓުން އަމުރުކޮށްފައިވަނީ ތަހުގީގު ކުރަންޖެހޭވަރުގެ ހެކި މައްސަލައާއެކު ޝުއައިބު ހުށަހަޅުއްވާފައިވާތީއެވެ. އަދި އޭނާ ހުށަހަޅުއްވާފައިވާ ޝަކުވާއާއި ގުޅިގެން މައްސަލައިގެ ޖަވާބު ފޯމުގައި މި މައްސަލަ ތަހުގީގުކުރަންޖެހޭކަމަށް އިލެކްޝަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.

ގއ. ކޮނޑޭ ކައުންސިލް ރައީސް ކަމަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ޝުއައިބު އަހުމަދުދީދީ އަށް ލިބިިވަޑައިގެންފައިވަނީ 128 ވޯޓެވެ. އަދި ޝުއައިބު އާ ވާދަކުރައްވާ ކުރި ހޯދައްވާފައިވަނީ 2 ވޯޓްގެ ތަފާތުން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލް ހަކީމެވެ. އަހުމަދު އަބްދުލް ހަކީމަށް ލިބިވަޑައިގަތީ 130 ވޯޓެވެ.