ޑެޕިއުޓީ މޭޔަރުންނާ ނައިބް ރައީސުން ޖޫން 20 ގެ ކުރިން ހޮވަން ޖެހޭނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ބައެއް ރަށްރަށުގެ ކައުންސިލަރުންނަށް އެބޭފުޅުން އިންތިހާބުވި ރަށަށް ނުދެވި ހުރިނަމަ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމުތަކަށް ބޭފުޅުން ހޮވަން އެލްޖީއޭއިން ވަނީ ބުނެފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ނައިބް ރައީސް ވެސް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހޮވުމަށް ވަނީ އަންގާފައެވެ.
ކައުންސިލްތަކުން ޑެޕިއުޓީ މޭޔަރުންނާ ނައިބު ރައީސުން ހޮވަން ހަމަޖެހިފައިވަނީ އެ ކައުންސިލެއްގައި ތިބޭ ކުރިހާ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އާންމުކޮށް ޑެޕިއުޓީ މޭޔަރުންނާ ނައިބް ރައީސުން ހޮވުން އޮންނަނީ ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައެވެ.
މިފަހަރު ޑެޕިއުޓީ މޭޔަރުންނާ ނައިބް ރައީސުން ހޮވުން ލަސްވެގެން ދިޔައީ ކޮވިޑް ހާލަތާ ގުޅިގެން ބައެއް ކައުންސިލަރުން ކޮވިޑަށް ޕޮޒިޓިވްވެފައި ވުމާއި ރަށްތައް ބަންދުކޮށް މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން އިންތިހާބުވި ރަށަށް ގޮސް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވުމަށް އުޒުރުވެރިވުމުންނެވެ.
މިވަގުތު ޑެޕިއުޓީ މޭޔަރު ނުހޮވާ ހުރި ހަމައެކަނި ކައުންސިލަކީ މަލޭ ސިޓީ ކައުންސިލެވެ. މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރައްވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އެވެ. މީގެކުރިން ޕީޕީއެމްގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޯ) ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވެއެވެ.