މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުގެ ނަތީޖާއިން އެއްވަރުވި 10 ދާއިރާއެއްގެ ވޯޓުން އަލުން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އެގޮތުން އެއްވަރުވެފައިވާ 10 ދާއިރާގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގެ 4 ދާއިރާއަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 6 ދާއިރާއެކެވެ. ކައުންސިލް އިންތިހާބުގެ ނަތީޖާ އެއްވަރުވި 4 ދާއިރާއަކީ ހއ.ތަކަންދޫ، ފ.ދަރަނބޫދޫ، މ.ރަތްމަންދޫ، އަދި ބ.ކިހާދޫ އެވެ.

މީގެ އިތުރުން ތ. ގާދިއްފުއްޓާއި ލ. މާވަށުގެ ވޯޓުލުން އަލުން ކުރިޔަށް ގެންދިއުމަށް ވެސް އީސީން ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށް ގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައި ވާތީއެވެ.

އެގޮތުން ގާދިއްފުށީފައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީ އާ ދެމެދު ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މާވަށުގައި ކުރިއަށް ގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް މި ދާއިރާތަކުގެ އިންތިހާބު ބާއްވަނޭ ވަކި ތާރީހެއް އަދި އީސީން އިއުލާނެއް ނުކުރެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 3،814 ކެންޑިޑޭޓުން ވާދަ ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރި 1580 ކެންޑިޑޭޓުންނެވެ.