ލޯކަލް ކައުންސިލް އިންތިހާބުދެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މިމަހު 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން 12 ރަށެއްގައި މިއަދު ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އަށް ކުރިއަށް ދާނެ ކަމަށެވެ.

ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. ތަކަންދޫ، ބ. ކިިހާދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ތ. ގާދިއްފުށި އަދި ލ. މާވަށުގައި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރެއިން ލ. މާވަށުގެ ދެ ގޮނޑިއަކަށް އަލުން ވޯޓު ލާނެއެވެ.

އަންހެނުންގެ ތަރައްގީއަށް ހާއްސަ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައި ވަނީ ހއ. އުލިގަން، ށ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ވ. ފިލިދޫ އަދި ލ. ކަޅައިދޫގައެވެ. މި ހަ ރަށުގައިވެސް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައި ވަނީ، ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރު ވުމާ ގުޅިގެންނެވެ.

ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރޯދައިގެ ފަހުން މެއި މަހުގެ މެދުތެރޭގައި ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ބުނެފައި ވެއެވެ.