މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ސިއްރު މައުލޫމާތުތަކެއް ހޯދަން އުޅުނުކަމުގެ ތުހުމަތު މޯލްޑިވް ކަރެކްޝަން ސާވިސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަލީ ރަޝީދު އަހުމަދު، ކަރެކްޝަންސްގެ ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒަށް ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އަލީ ރަޝީދު އޭނާގެ ޓްވީޓާގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މައާފު ނުދެއްވާ ގައިދީއަކު ޖަލު ދޫވި މައްސަލައާ ގުޅިގެން ސަރުކާރުން އެކުލަވާލި ތަހުގީގު ޓީމުގައި އޭނާވެސް ހިމެނުނު ކަމަށެވެ. އޭނާ ވިދާޅުވީ އެ ތަހުގީގަކީ ސިއްރުން ކުރިޔަށް ދިޔަ ތަހުގީގެއް ކަމަށެވެ. ކަރެކްޝަންސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އެ ތަހުގީގު ޓީމުގައި މަސައްކަތް ކުރުން ވެގެން ދިއުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަރެކްޝަންސްގެ މައްސަލައެއް ތަހުގީގު ކުރާކަން ކުރީގެ ސީޕީ މުނާޒަށް އެނގިލެއްވި ހިސާބުން މުނާޒުގެ ކޮޓަރިކޮޅަށް އަލީ ރަޝީދު ގެންދެވި ކަމަށެވެ.
"ސިއްރު ތަހުގީގާއި ގުޅޭ މައުލޫމާތު ހާމަ ކުރެއްވުމަށް މަޖުބޫރު ކުރެއްވިއެވެ. ޖަލުތަކާއި ޕެރޯލްގެ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކު ހުންނަވާނެ ކަމަށް އޮތުމުން ކޮމިޝަނަރުގެ ބައެއް ބާރުތަކަކީ ކޮމިޝަނަރާއި ހިސާބުން ގައިދުވެފައިވާ މުތުލަގު ބާރުތަކެއް ނޫން ކަމަށާއި އަޅުގަނޑު ވަފާތެރިވާނީ ވަކި ފަރުދަކަށް ނޫން ކަމަށާއި ތެދުވެރިވާނީ ގާނޫނީ ގައުމީ އަދި ވަޒީފާގެ މަސްއޫލިއްޔަތައްކަށް ދެންނެވީމެވެ،" އަލީ ރަޝީދު ވިދާޅުވިއެވެ.
"ދަޕްރެސް"އަށް މައުލޫމާތު ދެއްވަމުން އަލީ ރަޝީދު ވިދާޅުވީ އެކަން ހިނގައިގެން ދިޔައީ މިދިޔަ އަހަރުގެ މެއި މަސް ތެރޭގައި ކަމަށެވެ. އަދި އޭރު އެދުވަސްވަރަކީ ސަރުކާރުން އެކުލަވާލި ކޮމެޓީއަކުން މައާފު ނުދޭ ގައިދީއަކު ދޫވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އައި ދުވަސްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ރަޝީދު މިފަދައިން ވިދާޅުވެފައިވާއިރު މުނާޒު ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން ވަކި ކުރެއްވި ހިސާބުން އޭނާ އަންނަނީ ސަރުކާރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިއްޔެ ކުރެއްވި ޓްވީޓެއްގައިވެސް ވިދާޅުވީ ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީއާ ގުޅޭ ތަންތަން "ފްރީޒް" ވީ އެންމެ މީހަކާ ހެދި ކަމަށެވެ. އޭނާ އެ އިޝާރަތްކުރެއްވީ އިމްރާނަށް ކަމަށް ބެލެވެ އެވެ. ގައިދީނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ޖަލަށް ދާން ފެށި ހަބަރުގެ ސްކްރީން ޝޮޓާ އެކު ކުރެއްވި ޓްވީޓެއްގައި މުނާޒް ވިދާޅުވީ ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސްކުރަން އަމަލީ ގޮތުން އިމްރާން އެއްވެސް ކަމެއް ހަމަޖައްސައި ނުދެއްވާ ކަމަށެވެ.