ސުޕްރީމުކޯޓުގެ ފަނޑިޔާރު ކަމަށްރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަން ފޮނުއްވާފައިވާ އަބްދުއްރައޫފް އިބްރާހިމް ހަމަޖެއްސުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރުހުން ނުލިބުނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާ އަބްދުއްރައޫފް ސުޕްރީމްކޯޓަށް އައްޔަނު ކުރުމާމެދު އެ ކޮމިޝަނުގެ ލަފައަކާސް ރައީސް ސޯލިހް އެދިވަޑައިގެންފައި ވަނިކޮށް، ތިން ފަރާތަކުން އޭނާގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅަފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް ބެލުމަށްފަހު، އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މ.ވޭސައިޑް، އަބްދުއްރައޫފް އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސް ސޯލިހް ފޮނުއްވީ މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ، އިބްރާހިމް އަލީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާ އެކަމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. އަދި ފަނޑިޔާރަކާމެދު ބަލަމުންދާ މައްސަލައެއްގެ ސަބަބުން ފަނޑިޔާރަކު ސަސްޕެންޑް ކުރާއިރު، އޭނާ ބަލަމުން ދިޔަ މައްސަލަތައް މަޑުނުޖެހި ކުރިއަށްދާނެ އިންތިޒާމު ހަމަޖެއްސުމަށް ޑީޖޭއޭގައި އެދުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖޭއެސްސީން ވަނީ މ. މުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ޒަރީރު ރިޓަޔާ ކުރުމަށް ނިންމާފައެވެ. އޭނާ ރިޓަޔާކޮށްފައި ވަނީ، އޭނާގެ އުމުރުން 62 އަހަރުވެފައިވުމާއެކު ސިއްހީ ސަބަބުތަކަށްޓަކައެވެ. އޭނާ ރިޓަޔާކުރީ، އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނާސް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.